Last Updated: February 4, 06:45
Saturday, February 4, 2023
ކުޅިވަރު

މެޗު ޕްރިވިއު: ބެލްޖިއަމް-މޮރޮކޯ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް މިއަދުވެސް ކުރިއަށްދާއިރު އިއްޔެކޭ އެއްގޮތަށް މިއަދު ވެސް މުބާރާތުގައި ޖުމްލަ ހަތަރު މެޗު ކުޅޭނެ އެވެ. އެގޮތުން މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމް އާއި މޮރޮކޯ އެވެ.

ގްރޫޕް އެފް ގައި ކުޅުނު ފުރަތަމަ މެޗުން ބެލްޖިއަމް މޮޅުވިއިރު މޮރޮކޯ ކުޅުނު މެޗު ލަނޑެއް ނުޖެހި ވީ އެއްވަރެވެ. ބެލްޖިއަމް މޮޅުވީ ގިނަ އަހަރުތަކަކަށްފަހު މުބާރާތަށް މިފަހަރު ކޮލިފައިވި ކެނެޑާ އަތުން 1-0 އިންނެވެ. މޮރޮކޯ އެއްވަރުވީ މުބާރާތުގެ އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ އަތުންނެވެ.

މިރޭގެ މެޗުން މޮޅެއް ހޯދައިގެން ބެލްޖިއަމް އަށް މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ލިބޭއިރު އެޓީމުން ވަނީ އެންމެފަހުން ވާދަކުރި ތިން ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖު ފަހަނައަޅާ އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. ބެލްޖިއަމް ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހޯދާފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބެލްޖިއަމަށް އެޓީމުގެ އެންމެ މޮޅު ކުޅުން ނުދެއްކުނު އިރު އެ މެޗުގައި ބެލްޖިއަމްގެ މެދުތެރެ ވެސް ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ދެވަނަ ހާފްގައި އޮނާނާ ކުޅެން އެރުވުމާއެކު ބެލްޖިއަމް އިން މެދުތެރޭގެ ކޮންޓްރޯލް ހޯދިއިރު މި މެޗުގައި އޭނާ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅޭނެ ކަމަށް ބެލެވެ އެވެ.

މިއަހަރުގެ ވޯލްޑް ކަޕަކީ ގިނަ އަހަރުތަކަކަށް ފަހު މޮރޮކޯ އިން ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ނަން މަޝްހޫރު ގިނަ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ކްރޮއޭޝިއާ އަތުން ޕޮއިންޓެއް ލިބުން ވެގެންދިޔައީ އެޓީމަށް ލިބުނު ކާމިޔާބެކެވެ. އެ މެޗުގައި މޮރޮކޯގެ ފަރާތުން ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު ބެލްޖިއަމް ކައިރީގައި މިރޭ އެފަދަ ކުޅުމެއް ތަކުރާރު ކުރަންޖެހެ އެވެ. ފުރަތަމަ މެޗުގައި މޮރޮކޯގެ ފަރާތުން މާބޮޑު އެޓޭކުތަކެއް ނުފެނުނު ނަމަވެސް މިރޭ ބެލްޖިއަމްގެ ޑިފެންސްލައިނަށް އެޓީމުން ބާރުބޮޑު ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ބެލްޖިއަމް

ބެލްޖިއަމް ވަނީ އެންމެފަހުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު 8 މެޗުން ވެސް މޮޅުވެފަ އެވެ.

ވޯލްޑް ކަޕެއްގައި ބެލްޖިއަމް މިހާތަނަށް އެފްރިކާގެ ޓީމެއް އަތުން ބަލިވެފައެއް ނުވެ އެވެ. އެގޮތުން އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ބެލްޖިއަމް އިން ހަތަރު މެޗު ކުޅެފައިވާއިރު ތިން މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ.

ފުރަތަމަ މެޗެކޭ އެއްގޮތަށް މިރޭގެ މެޗުގައި ވެސް އަނިޔާގެ ސަބަބުން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ނުކުޅެވޭނެ އެވެ.

މޮރޮކޯ

ވޯލްޑް ކަޕްގައި މިހާތަނަށް 17 މެޗު މޮރޮކޯ އިން ކުޅެފައިވާއިރު އޭގެތެރެއިން އެޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ދެ މެޗެވެ.

މޮރޮކޯ އަށް މިހާތަނަށް މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދިފައިވަނީ 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގަ އެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް މޮރޮކޯގެ ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މޮރޮކޯ އާއި ބެލްޖިއަމް މިހާތަނަށް ވަނީ ޖުމްލަ ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ދެ މެޗުން ބެލްޖިއަމް މޮޅުވިއިރު އަނެއް މެޗުން މޮޅުވީ މޮރޮކޯ އެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އެ މެޗު 4-1 އިން ކާމިޔާބުކުރީ މޮރޮކޯ އިންނެވެ.

މޮރޮކޯ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 6 ޖަހާއިރު އެވެ.