Last Updated: July 1, 23:03
Tuesday, July 1, 2025
ކުޅިވަރު

މެޗު ޕްރިވިއު: ކްރޮއޭޝިއާ-ކެނެޑާ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ މެޗުތައް މިއަދުވެސް ކުރިއަށްދާއިރު މިއަދުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި ކެނެޑާ އެވެ.

ގްރޫޕް އެފް ގައި ކުޅުނު ފުރަތަމަ މެޗުން މި ދެ ޓީމަށް ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން ބެލްޖިއަމް އަތުން ކެނެޑާ 1-0 އިން ބަލިވިއިރު ކްރޮއޭޝިއާ ވަނީ މޮރޮކޯ އަތުން އެއްވަރުވެފަ އެވެ. މުބާރާތުގެ ދެވަނަ ބުރާއި ގާތަށް ޖެހިލުމަށް މި ދެ ޓީމަށް ވެސް މި މެޗުން މޮޅެއް ހޯދުން މުހިއްމެވެ.

ވޯލްޑް ކަޕްގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާ ކްރޮއޭޝިއާ އެންމެފަހުން ވާދަކުރި ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. ފުރަތަމަ މެޗުގައި ކްރޮއޭޝިއާގެ ފަރާތުން ވަރަށް ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ މެޗުގައި އެޓީމަށް ހެދިފައިވަނީ އެންމެ ފަސް ޝޮޓެވެ. މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދުމަށް ކްރޮއޭޝިއާ އިން އެޓޭކިން ރަނގަޅު ގޭމެއް ކުޅެން ޖެހެ އެވެ. ގްރޫޕްގެ ފަހު މެޗުގައި ކްރޮއޭޝިއާ ބައްދަލުކުރާނީ ބެލްޖިއަމްއާ ކަމަށްވާއިރު އެ މެޗާއި ކުރިމަތިލާއިރު މޮޅެއް ހޯދިފައި އޮތުމަކީ ދެވަނަ ބުރަށް ދިޔުމަށް ކްރޮއޭޝިއާ އަށް ލިބޭނެ ހިތްވަރެކެވެ.

ގިނަ އަހަރުތަކަކަށް ފަހު ވޯލްޑް ކަޕްގައި ވާދަކުރާ ކެނެޑާ ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ބަލިވި ނަމަވެސް އެ މެޗުގައި އެޓީމުން ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ. އެ މެޗުން އެންމެ މަދުވެގެން ކެނެޑާ އަށް ޕޮއިންޓެއް ހައްގުވާ ކަމަށް ގިނަ ބަޔަކު އެއްބަސްވާއިރު އެ މެޗުގައި ކެނެޑާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނިންމާ ނުލެވުމެވެ. އެ މެޗުގައި ޖުމްލަ 22 ޝޮޓް ކެނެޑާ އިން ހެދިއިރު ބެލްޖިއަމްގެ ގޯލާ އަމާޒުވީ އޭގެތެރެއިން އެންމެ ތިން ހަމަލާ އެވެ. ވޯލްޑް ކަޕްގައި މިހާތަނަށް މޮޅެއް އަދި ގޯލެއް ވެސް ކެނެޑާ އަށް ކާމިޔާބު ކުރެވިފައި ނުވާއިރު ދެވަނަ ބުރުން ޖާގައެއް ހޯދަން ބޭނުން ނަމަ އެ ސިލްސިލާ އަށް ކެނެޑާ އިން މިރޭ ނިމުން ގެންނަންޖެހެ އެވެ.

ކްރޮއޭޝިއާ

އެންމެފަހުން ކުޅުނު 17 މެޗުން ވެސް ކްރޮއޭޝިއާ ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން 11 މެޗުން ކްރޮއޭޝިއާ މޮޅުވިއިރު އަނެއް ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ކްރޮއޭޝިއާ އެންމެފަހުން ބަލިވީ މިދިޔަ ޖޫން މަހު އޮސްޓްރިއާ އަތުން 3-0 އިންނެވެ.

މިއީ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އިން އުތުރު އެމެރިކާގެ ޓީމަކާ ދެކޮޅަށް ނިކުންނަ ހަތަރުވަނަ ފަހަރެވެ. އެގޮތުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އިން 3-1 އިން ޖެމެއިކާ ބަލިކުރިއިރު 2002 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ވަނީ މެކްސިކޯ އަތުން ބަލިވެފަ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ކްރޮއޭޝިއާގެ ނިކޮލާ ވްލަސިޗަށް މި މެޗުގައި ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކެނެޑާ

ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް ކެނެޑާ ބަލިވެފައިވާއިރު އެޓީމަށް މިހާތަނަށް މި މުބާރާތުގައި ގޯލެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މިރޭގެ މެޗުގައި ގޯލެއް ކާމިޔާބު ނުކުރެވިއްޖެނަމަ ކެނެޑާ ވެގެންދާނީ ވޯލްޑް ކަޕްގެ ފުރަތަމަ ފަސް މެޗުގައި ގޯލެއް ކާމިޔާބު ނުކުރެވޭ ދެވަނަ ޓީމަށެވެ. ފުރަތަމަ ޓީމަކީ ބޮލީވިޔާ އެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ކެނެޑާ ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ކްރޮއޭޝިއާ އާއި ކެނެޑާ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ކްރޮއޭޝިއާ އާއި ކެނެޑާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.