Last Updated: July 27, 15:08
Saturday, July 27, 2024
ކުޅިވަރު

މޮރޮކޯ ކުޅުންތެރިން އުފަލުން ސަޖިދަ އަށް، ބޮޑު ސަމާލުކަމެއް

ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިރޭ ބެލްޖިއަމް އަތުން މޮޅުވި މެޗުގައި މޮރޮކޯގެ ކުޅުންތެރިން އުފަލުން ސަޖިދަ އަށް ދިޔަ ފޮޓޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ބެލްޖިއަމްގެ މައްޗަށް މޮރޮކޯ އިން މިރޭ ކުރި ހޯދީ 2-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ގޯލް ވެސް މޮރޮކޯ އިން ކާމިޔާބުކުރީ ދެވަނަ ހާފްގަ އެވެ.

މޮރޮކޯ އިން މި މެޗުގައި ކާމިޔާބުކުރި ދެ ގޯލަށްފަހު ވެސް އުފަލުން ސަޖިދަ އަށް ދިޔައިރު މެޗަށްފަހު ވެސް އެޓީމުގެ ހުރިހާ ކުޅުންތެރިން ވަނީ ސަޖިދަ އަށް ގޮސްފަ އެވެ. މޮރޮކޯ ކުޅުންތެރިން ސަޖިދަ އަށް ދިޔަ މަންޒަރު އެތައް ކެމެރާއަކަށް އަރާފައިވާއިރު މިއަދުގެ އެންމެ ރީތި ފޮޓޯއަކީ ވެސް މިއީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިއީ 1998 ވަނަ އަހަރަށްފަހު މޮރޮކޯ އިން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު މިއީ 1994 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު މެޗަކުން ބެލްޖިއަމް ބަލިވި ފުރަތަމަ ފަހަރެވެ.

މި މޮޅާއެކު މޮރޮކޯ މިހާރު އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނައިގަ އެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު ބެލްޖިއަމް އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ ކްރޮއޭޝިއާ އެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ކެނެޑާ އެވެ. މި ގްރޫޕްގައި މިރޭ ކެނެޑާ އާއި ކްރޮއޭޝިއާ ބައްދަލުކުރާނެ އެވެ.

މި މޮޅާއެކު ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު މޮރޮކޯ އަށް މިހާރު ހުޅުވިފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި އެޓީމު ނިކުންނާނީ ކެނެޑާއާ ދެކޮޅަށެވެ. އަދި ބެލްޖިއަމް ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ.