ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިރޭ ކްރޮއޭޝިއާ އަތުން 4-1 އިން ބަލިވެ މުބާރާތުން ކެޓި ދެވަނަ ޓީމަށް ކެނެޑާ ވެއްޖެ އެވެ.
މި މޮޅާއެކު ދެ މެޗުން ކްރޮއޭޝިއާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގައި ދެން އޮތް މޮރޮކޯ އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ބެލްޖިއަމް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މުބާރާތުން ކެޓި ކެނެޑާ އަށް ދެ މެޗުން ޕޮއިންޓެއް ހޯދިފައެއް ނުވެ އެވެ.
ކެނެޑާގެ އިތުރުން މިއަހަރުގެ ވޯލްޑް ކަޕުން މިހާތަނަށް ކަޓާފައިވަނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރެވެ.
ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 68 ވަނަ ސިކުންތުގެ ތެރޭގައި އަލްފޮންސޯ ޑޭވިސް ވަނީ ކެނެޑާ އަށް ލީޑު ނަގާދީފަ އެވެ. ޑޭވިސް މި ގޯލް ކާމިޔާބުކުރީ ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާގެ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ. މިއީ މިއަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.
ކެނެޑާއެކު މި ގޯލާއެކު ކްރޮއޭޝިއާ އިން ކުރިއަށް ޖެހިލައިގެން ދިޔައީ ކެނެޑާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓްގައި އަންދްރޭ ކްރަމަރިޗް ކްރޮއޭޝިއާ އަށް ނަތީޖާ އެއްވަރުކޮށްދިން އިރު އޭނާ މި ގޯލް ކާމިޔާބުކުރީ ކެނެޑާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއްގެ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މި ގޯލަށްފަހު ވެސް ކްރޮއޭޝިއާ އިން ދިޔައީ ކެނެޑާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 44 ވަނަ މިނެޓްގައި މާކޯ ލިވާޖާ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިންއިރު އޭނާ މި ގޯލް ކާމިޔާބުކުރީ ކެނެޑާގެ ޕެނަލްޓިއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
އެއް ގޯލުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފް ކްރޮއޭޝިއާ އިން ނިންމާލިއިރު މެޗުގެ 48 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ކެނެޑާގެ އޮސޯރިއޯ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. އަދި މެޗުގެ 54 ވަނަ މިނެޓްގައި ކެނެޑާގެ ޖޮނަތަން ޑޭވިޑް ވެސް ކްރޮއޭޝިއާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވެ އެވެ. ނަމަވެސް އެ ހަމަލާގެ ހުރަހަކަށްވީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް އެވެ.
ނަތީޖާ އެއްވަރުކޮށްލަން ކެނެޑާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 70 ވަނަ މިނެޓްގައި ކްރޮއޭޝިއާ އިން އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބު ކުރުމެވެ. މި ގޯލް ވެސް ކްރޮއޭޝިއާ އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ކްރަމަރިޗް އެވެ. އަދި މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ކްރޮއޭޝިއާގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ ލޮވްރޯ މާޔާ އެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ކްރޮއޭޝިއާ އަށް މިހާރު ބޭނުން ވަނީ އެންމެ ޕޮއިންޓެއް ކަމަށްވާއިރު ގްރޫޕްގެ ފަހު މެޗުގައި އެޓީމު ބައްދަލުކުރާނީ ބެލްޖިއަމްއާ އެވެ. ކެނެޑާ ނިކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.