Last Updated: July 1, 23:03
Wednesday, July 2, 2025
ކުޅިވަރު

މެޗު ޕްރިވިއު: ކެމަރޫން-ސާބިޔާ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ ފަހު މެޗުތައް މިއަދު ކުޅޭއިރު، މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކެމަރޫން އާއި ސާބިޔާ އެވެ.

ގްރޫޕް ޖީ ގައި ހިމެނޭ މި ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. އެގޮތުން ބްރެޒިލް އަތުން 2-0 އިން ސާބިޔާ ބަލިވިއިރު ސްވިޒަލޭންޑާއި ދެކޮޅަށް ކުޅެ ކެމަރޫން ބަލިވީ 1-0 އިންނެވެ. މިއަދުގެ މެޗުން ބަލިވާ ޓީމަކަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު ވަރަށް ހަނިވާނެ އެވެ.

ކެމަރޫނަށް ވޯލްޑް ކަޕެއްގައި އެންމެފަހުން މޮޅެއް ހޯދިފައިވަނީ 2002 ވަނަ އަހަރު ކަމަށްވާއިރު، ކެމަރޫނަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ އެންމެފަހުން ދެވިފައިވަނީ 1990 ވަނަ އަހަރު އެވެ. 32 އަހަރަށްފަހު ކެމަރޫން ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދިޔުމަށް އުއްމީދުކުރާއިރު ގްރޫޕްގެ ފަހު މެޗުގައި ކެމަރޫން ބައްދަލުކުރާނީ ދެކުނު އެމެރިކާގެ ގަދަ ބާރު ބްރެޒިލްއާ އެވެ. އެ މެޗާއި ކުރިމަތިލާއިރު މޮޅެއް ހޯދިފައި އޮތުމަކީ ދެވަނަ ބުރަށް ދިޔުމަށް ކޮސްޓަރީކާ އަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

ސާބިޔާ އިން އެންމެފަހުން ވާދަކުރި ތިން ވޯލްޑް ކަޕުން ވެސް އެޓީމު ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. ސާޞިޔާ އަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވަނަ ބުރަށް އެންމެ ފަހުން ދެވުނީ 1998 ވަނަ އަހަރު އެވެ. ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުގައި ސާބިޔާގެ ފަރާތުން ފެނުނީ ވަރަށް ވެސް ޑިފެންސިވް ކުޅުމެކެވެ. އެޓޭކިން ކުޅުމެއް އެ މެޗުގައި ސާބިޔާގެ ފަރާތުން ނުފެނުނު ނަމަވެސް މިރޭ އެޓީމުގެ ފަރާތުން ތަފާތު ކުޅުމެއް ފެެންނާނެ ކަމަށް ބެލެވެ އެވެ. ސާބިޔާ ޓީމުގައި އިދިކޮޅު ޓީމުގެ ޑިފެންސްލައިނަށް ނުރައްކާ ކުރެވޭ ވަރުގެ ކުޅުންތެރިން އެބަތިއްބެވެ. އެގޮތުން އެލެކްސެންޑާ މިޓްރޮވިޗް އާއި ޑުސާން ވްލަހޮވިޗްގެ ނަން ފާހަގަކޮށްލަންޖެހެ އެވެ.

ކެމަރޫން

ވޯލްޑް ކަޕްގައި ކެމަރޫން އެންމެފަހުން ކުޅުނު 8 މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިވެފައިވާ ޓީމަކީ މެކްސިކޯ އެވެ. އެއީ 9 މެޗެވެ.

ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ކުޅެ ވޯލްޑް ކަޕްގައި ކެމަރޫނަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ. އެ މޮޅު ލިބިފައިވަނީ 1990 ވަނަ އަހަރު ރުމޭނިޔާ އަތުން 2-1 އިންނެވެ.

މި މެޗަށް ނިކުންނައިރު ކެމަރޫން ޓީމުގައި އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.

ސާބިޔާ

ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 11 މެޗުގެ ތެރެއިން 9 މެޗުން ސާބިޔާ ވަނީ ބަލިވެފަ އެވެ. ވޯލްޑް ކަޕްގައި އެޓީމަށް އެންމެ ފަހުން މޮޅެއް ހޯދުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެފަހަރު ސާބިޔާ އިން ވަނީ 2-1 އިން ކޮސްޓަރީކާ ބަލިކޮށްފަ އެވެ.

މިނިވަން ގައުމަކަށްވީ ފަހުން ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ސާބިޔާ ވަނީ ބަލިވެފަ އެވެ. އެގޮތުން 2006 ވަނަ އަހަރު ސާބިޔާ ބަލިވީ އައިވަރީ ކޯސްޓް އަތުން 3-2 އިންނެވެ. އަދި 2010 ވަނަ އަހަރު ސާބިޔާ ވަނީ ގާނާ އަތުން 1-0 އިން ބަލިވެފަ އެވެ.

މިއަދުގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ނުކުޅެވުނު ފުލްބެކް، ފިލިޕް ކޮސްޓިޗް މިރޭގެ މެޗަށް ވަނީ ފިޓްވެފަ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ މި ދެ ޓީމު ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބައްދަލުކުރާ ދެވަނަ މެޗެވެ. 2010 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު އެ މެޗު 4-3 އިން ކާމިޔާބުކުރީ ސާބިޔާ އިންނެވެ.

ސާބިޔާ އާއި ކެމަރޫން ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިއަދު މެންދުރު ފަހު 3:00 ގަ އެވެ.