Last Updated: July 2, 23:14
Thursday, July 3, 2025
ކުޅިވަރު

ޖަރުމަނުން ސްޕެއިން ހިފަހައްޓައިފި

ވޯލްޑް ކަޕްގެ ގްރޫޕް އީ ގައި މިރޭ ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު ސްޕެއިން މިހާރު އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގަ އެވެ. މި ގްރޫޕްގައި ދެން ހިމެނޭ ކޮސްޓަރީކާ އަދި ޖަޕާނަށް ތިން ޕޮއިންޓް ލިބިފައިވާއިރު ޖަރުމަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕްގައި ބާކީ ދެން ކޮންމެ ޓީމަކަށް ވެސް އޮތީ އެންމެ މެޗެކެވެ.

ގަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެ ޓީމުން ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ސްޕެއިންގެ ޑެނީ އޮލްމޯ ދުރުން ފޮނުވާލި ހަމަލާއެއް ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ދިފާއުކުރިއިރު ޖޯޑީ އަލްބާ ވެސް ދުރުން ނުރައްކާތެރި ހަމަލާއެއް ޖަރުމަނުގެ ގޯލަށް ފޮނުވާލާފަ އެވެ. މި ހާފުގައި ޖަރުމަނުގެ ސާޖް ގްނެބްރީ އަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ފުރަތަމަ ހާފްގައި ގޯލެއް ނުފެނުނު ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި އަލްވަރޯ މޮރާޓާ ވަނީ ސްޕެއިނަށް ލީޑު ނަގާދީފަ އެވެ. ދެވަނަ ހާފްގައި ކުޅެން އެރި މޮރާޓާ މި ގޯލް ކާމިޔާބުކުރީ އަލްބާ ދިން ރީތި ޕާހަކުން ޖަރުމަނުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލް ކާމިޔާބުކުރާ މާގިނަ އިރުތަކެއް ނުވަނީސް ލީޑު ފުޅާކޮށްލަން ސްޕެއިންގެ މާކޯ އެންސިއޯ އަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެގޮތުން ޖަރުމަނުގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އެސެންސިއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ސްޕެއިންގެ ގޯލަށްފަހު ޖަރުމަނުން ވެސް ސްޕެއިންގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު ޖަރުމަނުން ފޮނުވާލި ގިނަ ހަމަލާތަކެއް ސްޕެއިންގެ ގޯލްކީޕަރު އުނާއި ސިމޯން ވަނީ ދިފާއުކޮށްފަ އެވެ. ނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ނިކްލަސް ފުލްކްރުގް ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ފުލްކްރުގް މި ގޯލް ކާމިޔާބުކުރީ ސްޕެއިންގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މި މެޗު އެއްވަރުވުމުން މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ސްޕެއިނަށް މިހާރު ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް ގްރޫޕްގެ ފަހު މެޗުން މޮޅުވެގެން ނޫން ގޮތަކަށް ޖަރުމަނަށް ދެވަނަ ބުރަށް ނުދެވޭނެ އެވެ. ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނު ބައްދަލުކުރާނީ ކޮސްޓަރީކާއާ އެވެ. އަދި ސްޕެއިން ނިކުންނާނީ ޖަޕާނާއި ދެކޮޅަށެވެ.