Last Updated: July 27, 10:50
Saturday, July 27, 2024
ކުޅިވަރު

ވޯލްޑް ކަޕުން އެމެރިކާ ބޭރުކުރަން ގޮވާލައިފި

ވޯލްޑް ކަޕުން އެމެރިކާ ބޭރުކުރަން އިރާނުން ފީފާ އަށް ގޮވާލައިފި އެވެ.

އިރާނުން މިކަމަށް ގޮވާލީ އެމެރިކާ ފުޓްބޯޅަ ޓީމުގެ ރަސްމީ ޓްވިޓާ އެކައުންޓުން އާންމުކުރި ޕޯސްޓެއްގައި އިރާނުގެ ދިދަ އަށް ބަދަލުތަކެއް ގެނެސްފައިވާތީ އެވެ. އެގޮތުން އިރާންގެ ދިދައިގެ މެދުގައި އިންނަ ނިޝާނާއި އަރަބި ބަހުން ލިޔެފައިވާ އަކުރުތައް ވަނީ ދިދައިން ފޮހެލާފަ އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިރާނާއި އެމެރިކާ ލައްވާލާފައިވަނީ އެއް ގްރޫޕެއްގައި ކަމަށްވާއިރު ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރަން ޖެހެނީ ވެސް މި ދެ ޓީމެވެ. އެގޮތުން އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ދެވަނަ ބުރަށް ދެވޭނެ އެވެ.

އެމެރިކާ އިން ބުނީ އިރާންގެ ރަސްމީ ދިދަ ބޭނުން ކުރަން ބޭނުން ނުވީ އިރާންގައި މިހާރު މުޒާހަރާ ކުރަމުންދާ އަންހެނުންނަށް ތާއީދު ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ފަހުން އެ ޕޯސްޓް ވަނީ ޑިލީޓްކޮށްލާފަ އެވެ.

އިރާނުގެ ފުޓްބޯޅަ އިދާރާގެ ލީގަލް އެޑްވައިޒަރު ފަހަންޕޫރްއާ ހަވާލާވީ އެގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނީ އެމެރިކާގެ މި އަމަލަކީ ފީފާގެ ގަވާއިދުތަކާ ހިލާފު އަމަލެއް ކަމަށާއި މި އަމަލުގެ އެކަށީގެންވާ އަދަބަކީ 10 މެޗުގެ ސަސްޕެންޝަނެއް ކަމަށެވެ.

އެމެރިކާ އިން އިރާނުގެ ދިދަ އަށް އިހުތިރާމް ނުކުރި މައްސަލަ ފީފާގެ އެތިކްސް ކޮމިޓީ އަށް ހުށަހަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ގައުމުތަކުގެ ދިދަ އަށް އިހުތިރާމް ކުރުމަކީ ހުރިހާ ގައުމަކުން ވެސް ކުރަންޖެހޭ ކަމެއް ކަމަށްވާއިރު އެމެރިކާގެ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އިރާނުގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް އަޑީގައި އޮވެގެން ކުރާ ކަމެއް ކަމަށް އިރާނުން ތުހުމަތު ކުރެ އެވެ. އެ މުޒާހަރަތަކާ ގުޅިގެން އެމެރިކާ އިން މިހާތަނަށް ވަނީ އިރާނުގެ ބައެއް އޮފިޝަލުންނަށް ދަތި ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފަ އެވެ.

އިރާނާއި އެމެރިކާ އިން ވަނީ 1980 ވަނަ އަހަރުން ފެށިގެން ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފަ އެވެ.