Last Updated: December 5, 22:37
Tuesday, December 5, 2023
ކުޅިވަރު

ކޮންމެ މެޗެއްގެ ވެސް ފެވަރިޓަކީ ޕޯޗުގަލް

ޕޯޗުގަލް އިން ކުޅޭ ކޮންމެ މެޗެއްގެ ވެސް ފެވަރިޓުންނަކީ އެ ޓީމުގެ ކަމަށް ޕޯޗުގަލްގެ ފޯވާޑް ގޮންކާލޯ ރާމޯސް ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އިން ވަނީ 3-2 އިން ގާނާ ބަލިކޮށްފަ އެވެ. ގްރޫޕްގެ ދެވަނަ މެޗުގައި ޕޯޗުގަލް އިން މިރޭ އުރުގުއޭއާ ބައްދަލުކުރާއިރު މި މެޗުން މޮޅުވެގެން ޕޯޗުގަލް އަށް ދެވަނަ ބުރަށް ދަތުރުކުރެވޭނެ އެވެ.

ރާމޯސް ބުނީ އުރުގުއޭ އަކީ ވަރުގަދަ އަދި ނުރައްކާތެރި ޓީމެއް ކަމަށާއި އެޓީމުގައި ތިބި ވަކިވަކި ކުޅުންތެރިންނާއި މެދު ވިސްނުން ގެންގުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ޕޯޗުގަލްގައި އޮތް ޓީމަށް ބަލާއިރު ކޮންމެ މެޗެއްގެ ފެވަރިޓުންނަށް ވާނީ އެޓީމު ކަމަށްވެސް ރާމޯސް ބުންޏެވެ.

"އަހަރަމެން ޓީމުގައި ހުރި ފެންވަރަށް ބަލާއިރު ކޮންމެ މެޗެއްގެ ވެސް ފެވަރިޓުންނަށް އަހަރަމެން ވާނެ." ރާމޯސް ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނާނީ މޮޅުވާން ކަމަށާއި ޕޯޗުގަލް އިން އެއްވެސް މެޗަކަށް އެއްވަރު ކުރުމުގެ ވިސްނުމުގައި ތިބެ ނުނިކުންނާނެ ކަމަށްވެސް ރާމޯސް ބުންޏެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އިން އެންމެފަހުން ކުޅުނު 13 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު އަތުންނެވެ.

ޕޯޗުގަލް އާއި އުރުގުއޭ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.