Last Updated: July 3, 22:50
Friday, July 4, 2025
ޚަބަރު

އައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރެއް ހަދަނީ

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އައްޑު އަށް ކުރެއްވި ދަތުރެއްގައި ހިތަދޫ ޕޮލިސް ސްޓޭޝަންގައި.

އަައްޑޫގައި ފުލުހުންގެ ރީޖަނަލް ކުއާޓަރު ހަދަން ނިންމައި، އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 8 އާ ހަމައަށެވެ. އަދި ރަޖިސްޓްރޭޝަނަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އައްޑޫގައި ހަދަން ނިންމާފައިވާ ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރުގެ ބީލަމަށް ކުރިމަތިލާ އިރު، މި މަޝްރޫއުގެ ބިޑް ސެކިއުރިޓީ އަކީ 200،000ރ. އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

އައްޑޫގައި ފުލުހުންގެ ރީޖަނަލް ހެޑްކުއާޓަރު ހަދަން ނިންމި އިރު، އައްޑޫގައި މިހާރު ވެސް ފުލުހުންގެ މަރުކަޒުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ގަން ޕޮލިސް ސްޓޭޝަނާއި ހިތަދޫ ޕޮލިސް ސްޓޭޝަން އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ހިމެނެ އެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ހެދި އައްޑޫ ޕޮލިސް ކޮލެޖަކީ އައްޑޫގައި ހުރި ފުލުހުންގެ ވަރަށް މުހިއްމު ވަސީލަތެކެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ހިދުމަތްތަކަށް ބަލާ އިރު، އެމްއެންޑީގެ ސަދަން ކޮމާންޑަކީ ވެސް އައްޑޫގައި ގާއިމުފައިވާ ތަނެކެވެ. މިހާރު 29 އަހަރު ފުރިފައިވާ އެތަން ގާއިމުކޮށް ވަނީ ގަމުގަ އެވެ.