Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

ޖިންސީގެ ހަމަހަމަކަމަށް އިދާރާތަކަށް ސެޓްފިކެޓް

ޖިންސީގެ ހަމަހަމަކަން ނުވަތަ ޖެންޑަ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީއީއޭޕީ) ތަންފީޒު ކުރުމަށްޓަކައި އެކުލަވާލާފައިވާ ހައި ލެވެލް ސްޓިއަރިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައި އެ ދާއިރާ އިން މަސައްކަތްކުރާ އިދާރާތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓެއް ދޭން ނިންމައިފި އެވެ.

އިއްޔެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމިޓީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައިވެ އެވެ. ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ޖެންޑަ އިކުއަލިޓީ އެކްޝަން ޕްލޭން މި އަހަރު ފެބުރުވަރީ މަހު ފާސްކުރުމަށް ފަހު، ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަން ޖެންޑަ މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނަށް އަހުލުވެރިކުރުމަށް ގިނަ އިދާރާތަކަށް މަޢުލޫމާތު ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވި އެވެ.

ބައްދަލުވުގައި ކޮމެޓީގެ މެންބަރުން ވަނީ ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑަ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް ވަކި އިދާރާތަކުން ކުރެވޭ ކަންކަން ދެނެގަނެ، ޖެންޑަ މެއިންސްޓްރީމް ކުރުމަށް އިދާރާތަކުން ކުރާ ރަނގަޅު މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް އެމްޖީއީއެމް ސެޓިފިކޭޝަން ދިނުމަށް ނިންމައިފއިވާކަން ވެސް ހާމަކޮށްފަ އެވެ.

މީގެ އިތުރުން ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކުރުމަށް ބޭނުންކުރާ ނިޒާމެއްކަމުގައި މޯލްޑިވިއަން ޖެންޑަ އިކުއަލިޓީ މޮޑެލް (އެމްޖެމް) ފާސްކޮށްފައިވެ އެވެ. މި ނިޒާމުގެ ދަށުން ކޮންމެ އިދާރާއެއްގައި ޖެންޑަ ޕެރިޓީ ޤާއިމުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި މޯލްޑިވިއަން ޖެންޑަ އިކުއަލިޓީ އިންޑެކްސްއެއް ތަޢާރުފު ކުރާނެ އެވެ. އަދި، ބައިނަލްއަޤްވާމީ މުއާހަދާތަކާއި، ޤާނޫނު އަސާސީ އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ޤާނޫނުތަކާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އިދާރާތަކުން ތަންފީޒުކޮށް، އެ އިދާރާއެއްގައި ޖެންޑަ މެއިންސްޓްރީމް ކުރުމުގެ މަސައްކަތް ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު އެންމެ އިސްކޮށް ބެލެހެއްޓުމަށްޓަކައި އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ކޮންމެ އިދާރާއެއްގައި ބަޔަކު ޢައްޔަނުކުރާނެ އެވެ.

ހަމަ އެއާ އެކު، އަންނަ އަހަރަށް ޖެންޑަ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ މަސައްކަތްތަކުގެ ޕްލޭން ވެސް ފާސްކޮށްފައިވެ އެވެ. އެ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން 84 އަށް ވުރެ ގިނަ އިދާރާއަކާ އެކި މަސައްކަތްތައް ހަވާލުކުރެވިފައިވާކަމާއި، އެކްޝަންތައް ހުށަހަޅާފައި ވަނީ އެ އިދާރާތަކުގެ ބައިވެރިވުމާއެކުގައި ކަމަށް ކޮމިޓީގެ މެންބަރުން ވިދާޅުވި އެވެ.

ހައި ލެވެލް ސްޓިއަރިން ކޮމިޓގެ މުގުސަދަކީ ގައުމީ ފެންވަރުގައި ޢަމަލުކުރާނެ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ޖެންޑަ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރަމުންދާ މިންވަރު މޮނިޓަކޮށް، އިތުރަށް ހަރުދަނާކުރަންވީ ކަންކަމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.