Last Updated: April 26, 06:14
Friday, April 26, 2024
މުނިފޫހިފިލުވުން

އިބްރާހީމްގެ ފިލްމުން ކާޖޮލް ފެންނާނެ

ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނެރެން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން ނިންމާފައިވާ ފިލްމުގައި މަޝްހޫރު ބަތަލާ ކާޖޮލް ވެސް މުހިއްމު ރޯލެއް ކުޅޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ދަރުމާ އިން އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބައެއް މީޑިއާތަކުން ބުނި ގޮތުގައި އިބްރާހީމް، 20، ގެ އަލަތު ފިލްމު ޑައިރެކްޓްކުރާނީ ހުނަރުވެރި އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކެޔޯޒް އިރާނީ އެވެ.

ޕީޕިން މޫން އިން މި ފިލްމާ ބެހޭ ގޮތުން މިހާރު ބުނެފައި ވަނީ އިބްރާހީމްގެ ފިލްމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އޭގެ ވަރަށް ބޮޑު ރޯލެއް ކާޖޮލް ކުޅޭނެ ކަމަށެވެ. ކާޖޮލް އަކީ މިހާތަނަށް ކަރަންގެ ދަރުމާގެ އެންމެ ކާމިޔާބު ފިލްމުތައް ކުޅުނު އެއް ބަތަލާ އެވެ. އޭގެ ތެރޭގައި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" ގެ އިތުރުން 2010 ގެ "މައި ނޭމް އިޒް ޚާން" ހިމެނެ އެވެ.

ކާޖޮލް އަކީ ކަރަން "ލަކީ މެސްކޮޓެއް" ގެ ގޮތުގައި ވެސް ދެކޭ ބަތަލާއެކެވެ. އެގޮތުން ކަރަން ޑައިރެކްޓްކުރާ ފިލްމެއް ނަމަ ކޮމްމެވެސް ގޮތަކަށް ކާޖޮލްގެ ފެނިލުމެއް އެ ފިލްމެއްގައި ހިމަނަ އެވެ. އެހެންވެ އަނެއްކާ ވެސް އަހަރުތަކެއް ފަހުން ދަރުމާގެ ފިލްމެއްގައި ކާޖޮލް ބޮޑު ރޯލެއް ކުޅުން ވާނީ ވަރަށް ހާއްސަ ކަމަކަށެވެ.

އިބްރާހީމްގެ އަލަތު ފިލްމުގައި ކާޖޮލް ހިއްސާވާ އިރު، އޭނަގެ ބައްޕަ ސައިފާ އެކީ ވެސް ކާޖޮލް ފިލްމުތަކެއް ކުޅުނެވެ. އެއީ 1994 ގެ "ޔޭ ދިއްލަގީ" އާއި 1997 ގެ "ހަމޭޝާ" ގެ އިިތުރުން 2020 ގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ. އަދި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކާޖޮލް ބޮލީވުޑަށް ނުކުތް 1992 ގެ "ބޭހުދީ" އަކީ ސައިފް ވެސް ބޮލީވުޑަށް ނުކުންނަން އޮތް ފިލްމު ކަމެވެ. އެކަމަކު އެ ފިލްމުގެ ޝޫޓިން ފެށި ފަހުން، އޭނަގެ ފަރާތުން ފެނުނު އަންޕްރޮފެޝަނަލް ކަންކަމާ ހެދި ފިލްމުން ވަކިކުރީ އެވެ. އަދި "ބޭހުދީ" ގެ ބަތަލުގެ ރޯލު ކުޅުނީ މާ ބޮޑު މަޝްހޫރު ކަމެއް ނުލިބުނު ކަމަލް ސާދަނާ އެވެ.

އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ކާޖޮލްގެ "ސަލާމް ވެންކީ" ގެ ރޯލަކުން ކަމަލް އަލުން ސްކްރީނުން ފެންނާނެ އެވެ.

ކަރަން ޕްރޮޑިއުސްކުރާ ފިލްމަކުން ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ބޮލީވުޑަށް ނުކުންނަން ތައްޔާރުވާ އިރު، ކަރަން އަންނަ އަހަރުގެ އެޕްރީލްގައި ގެނެސްދޭން އޮތް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިބްރާހީމް މަސައްކަތްކޮށްފައިވެ އެވެ. އެ ފިލްމުގެ ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ.