Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ބޯހިޔާވަހި ކަމަށް 44 މިލިއަން ރުފިޔާ ދޫކުރި

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ބޯހިޔާވަހި ކަމަށް ހާއްސަކޮށްގެން 44 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ހަތަރު އަހަރު ނިމުނު އިރު ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮގްރާމްގެ ތެރެއިން 284 މީހަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ގޯއްޗެއް އޮތަސް އެކި ސަބަބުތަކާ ހެދި ގެ އިމާރާތް ނުކުރެވި ތިބި މީހުންނަށް ލޯނުގެ ގޮތުގައި 700،000ރ. ދޫކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ލޯނުތަކަކީ 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް އަދި 6 ޕަސެންޓްގެ އިންޓްރަސްޓާ އެކީ ދޫކޮށްފައިވާ ލޯނު ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުރިހާ ސަރުކާރުތަތަކުން ވެސް ބޯހިޔާވަހިކަމުގެ ތަފާތު މަޝްރޫއުތައް ހިންގަ އެވެ. އެގޮތުން ސީދާ މި ސަރުކާރު ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއިން މާލެ ސަރަހައްދުގައި ހަދާ ފްލެޓްތަކެއް އަންނަ އަހަރުގެ ކުރީކޮޅު ދޫކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.