Last Updated: April 20, 06:38
Saturday, April 20, 2024
ކުޅިވަރު

ބެލްޖިއަމް ބަލިވުމުން ބޮޑެތި ހަމަނުޖެހުންތަކެއް

ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގައި ރޭ މޮރޮކޯއާ ދެކޮޅަށް ކުޅެ، ބެލްޖިއަމް ބަލިވުމާ ގުޅިގެން ވެރިރަށް ބްރަސަލްގައި ފުޓްބޯޅައިގެ ސަޕޯޓަރުންތަކެއް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.

މި ހަމަނުޖެހުންތަކުގައި މަގުމަތީގައި ހުރި އެެތައް ވެހިކަލެއްގައި ހުޅ ޖަގައި، އެތައް އިމާރާތެއްގެ ބިއްލޫރު ވެސް ތަޅާލައި އަލިފާން ބޯޅަ ވެސް އުކާފައިވެ އެވެ. ބްރަސެލްސްގެ މި ހަމަނުޖެހުންތައް ހުއްޓުވަން 100 އެއްހާ ފުހުން މަގުތަކަށް ނުކުމެ، ފުލުހުން ކަރުނަގޭހާއި އާއި ވޯޓަ ކެނަން ވެސް ބޭންކޮށްފައިވެ އެވެ. އަދި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 11 ވަރަކަށް މީހުން ހައްޔަރުކޮށްފައިވެ އެވެ.

މޮރޮކޯ އަތުން 2-0 އިން ބަލިވުމުން އެކަން ހަމަނުވެގެން ބެލްޖިއަމްގެ ސަޕޯޓަރުންތަކެއް ގައުމުގެ ވެރިރަށުގައި ހިންގަން ފެށި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން ބްރަސަލްސްގެ މޭޔަރު ފިލިޕް ކްލޯޒް ވެސް ކަންބޮޑުވުން ފާޅުކުރައްވައި، ހަމަނުޖެހުން ކުށްވެރިކުރައްވާފައިވެ އެވެ. އޭނަ ކުރެއްވި ޓްވީޓެއްގައި ހަމަނުޖެހުންތައް ނުހިންގުމަށާއި އެފަދަ އަމަލުތައް ހިންގާ މީހުން މައިތިރިކުރަން މަގުތައް މަތީގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.

މެޗުން ބަލިވުމުގެ އުދާހާ އެކު ބެލްޖިއަމް ހަލަބޮލިވެގެން ދިޔަ އިރު، މޮރޮކޯ އިން ވަނީ ރޭގެ ކާމިޔާބީ ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ. އެގޮތުން އެ ގައުމުގެ މަގުތައް މަތީގައި އުފާ ފާޅުކުރުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރޭގެ މޮޅަކީ 1998 ގެ ފަހުން ފަހު މޮރޮކޯ އިން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން މިއީ 1994 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު މެޗަކުން ބެލްޖިއަމް ބަލިވި ފުރަތަމަ ފަހަރެވެ. މޮރޮކޯ މިހާރު އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއް ވަނައިގަ އެވެ. ބެލްޖިއަމް އޮތީ ތިން ޕޮއިންޓާ އެކީ ދެވަނައިގަ އެވެ. ބެލްޖިއަމް އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ ކްރޮއޭޝިއާ އެވެ.

މި ގްރޫޕްގެ ފުލުގައި އޮތް ކެނެޑާ އަށް ޕޮއިންޓެއް ނުލިބި ރޭ ވަނީ ކްރޮއޭޝިއާ އަތުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.