Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ސިފައިންގެ ވެލްފެއާ އަށް ދެވޭ އިސްކަން ބޮޑު

ސިފައިންގެ ވެލްފެއާ އަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް މެޑިކަލް ކޯގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވީ ސިފައިންގެ ވެލްފެއަރގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކޮމްޕޯނަންޓަކީ ސިފައިންގެ ދުޅަހެޔޮ ސިއްޙަތު ކަމަށެވެ. އެހެންވެ ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދުމުގައި އެމްއެންޑީއެފް މެޑިކަލް ކޯ އަކީ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށް ވިދާޅިުވި އެވެ.

މާރިޔާ ވިދާޅުވީ މި ސަރުކާރުން އައި ފަހުން ސިފައިންނާ ގުޅުން ހުރި އެންމެ މުހިންމު އަދި އެންމެ އިސް ކަމެއްގެ ގޮތުގައި ދެކެމުން އައި ސިފައިންގެ ވެލްފެއާގެ ކަންކަން ރަނގަޅުކޮށްދީ، ސިފައިންނަށް ބޭނުންވާ ޚިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަސްކަމާއެކު ގެނެސްދޭން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ސިއްހީ ނިޒާމުގެ ކަންކަން ހިމެނޭހެން، ސިފައިންގެ ވެލްފެއާގެ ކަންކަމަށް މުހިންމު އަދި ހެޔޮ ބަދަލުތަކެއް ގެނެސް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭސް ފަރުވާ ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާކުރެވި، ގިނަ ހޮސްޕިޓަލްތަކާއި ކްލިނިކުތަކަކަށް ސިފައިން ދެއްކޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މެޑިކަލް ކޯ އިން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ސެނަހިޔަ ހޮސްޕިޓަލުގައި ކޮންސަލްޓްކުރައްވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޢަދަދު 11 އިން 54 އަށް އިތުރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އެމްއެންޑީއެފް މެޑިކަލް ކޯ އަކީ، ޢަދަދުގެ ގޮތުން ސިފައިންގެ ތެރޭގައި އެންމެ މީހުން މަދު ދާއިރާ ވިޔަސް، ހަތަރުގެ ތެރޭގައި އޮފިސަރުންނާއި އެންލިސްޓެޑް ރޭންކުތައް ހިމެނޭހެން، މެޑިކަލް ކޯގެ 42 މުވައްޒަފަކަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ވެސް ފަހިކޮށް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާ އިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ކުރެވިފައިވާ މަސައްކަތުގައި ސިފައިންގެ އެކި ޔުނިޓްތަކަށް މެޑިކަލް ކޯއިން ހިންގި ތަފާތު 29 ކޯހެއްގައި 801 ސިފައިން ތަމްރީނުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.