Last Updated: May 8, 22:22
Wednesday, May 8, 2024
މުނިފޫހިފިލުވުން

ކިއާރާ އުޅެނީ ކެޓްރީނާ "ސައިޒްކޮށްލަން"

ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ އިއްޔެ އިންސްޓަގްރާމްގައި އާންމުކުރި ކުޑަކުޑަ ވީޑިއޯއަކާއި އޭގެ ކެޕްޝަނާ ބެހޭ ގޮތުން އެތައް ވާހަކައެއް މިހާރު އަންނަނީ ދެކެވެމުންވެ. ކެޕްޝަނުގައި ލިޔެފައި އޮތީ މާ ގިނަ އިރަކު ސިއްރެއް ނުބޭއްވޭނެ ކަމަށާއި އެއީ ކޮބައިކަން އަންނަ މަހުގެ 2 ގައި ހާމަކުރާނެ ކަމަށެވެ.

މިއާ އެކި ބައެއް މީހުން ވަނީ ކިއާރާ އާއި އެކްޓަރު ސިދާތު މަލްއުތުރާގެ ކައިވެނި އިއުލާން ކުރަން އުޅެނީތޯ ސުވާލުކޮށްފަ އެވެ. ދާދި ފަހުން ބައެއް މީޑިއާތަކުން ބުނި ގޮތުގައި ދެ ތަރިން އަންނަ މަހު ކައިވެނިކުރާނެ އެވެ. ނަމަވެސް އިންސްޓަ ޕޯސްޓްގައި ކިއާރާ ހާމަކުރަން އުޅޭ ސިއްރަކީ އެއީއެއް ނޫނެވެ.

އިތުބާރު ހުރި ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ކިއާރާ އުޅެނީ އަންނަ މަހުގެ 16 ގައި ރިލީޒްކުރާ އޭނަގެ ފިލްމު "ގޯވިންދާ ނާމް މޭރާ" ގެ ބަތަލު ވިކީ ކޯޝަލްގެ ބަތަލުގެ އަންހެނުން ކެޓްރީނާ ކައިފް "ސައިޒްކުރަން" ކަމަށެވެ.

ކެޓްރީނާ "ސައިޒްކޮށްލަން" ކިއާރާ އުޅެނީ އޭނާ އިޝްތިހާރުކޮށްދެމުން އަންނަ ބްރޭންޑެއް "އަތުލުމަށް ފަހު" އެވެ. އެއީ މަޝްހޫރު ބުއިމެއް ކަމަށްވާ "ސްލައި" ޖޫހެވެ. އެ ބްރޭންޑްގެ އަނބު ޖޫހަކީ ކެޓްރީނާ އެންޑޯޒްކޮށް ދެމުން އަންނަ އުފެއްދުމެކެވެ. އޭގެ އިޝްތިހާރެއް ކެޓްރީނާ އާއި އެކްޓަރު ދައިރިއާ ކަރްވާއާ އެކީ ރާއްޖޭގައި ވެސް ޝޫޓްކޮށް މި އަހަރުގެ ކުރީކޮޅު އާންމުކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކިއާރާގެ "ސްޓާ ވެލިއު" ދުވަހުން ދުވަހަށް އުފުލެމުން އަންނާތީ އޭނަ އަށް އަންނަނީ މަޝްހޫރު އެތައް ބްރޭންޑެއް އިޝްތުހާރުކޮށްދޭން ފުރުސަތު ލިބެމުންނެވެ. އެގޮތުން ކެޓްރީނާ އެންޑޯޒްކޮށް ދެމުން އައި "ސްލައިސް" ވެސް ކިއާރާ އަށް ލިބުނީ އެވެ. އަދި އޭނައާ އެކީ އޭގެ ފުރަތަމަ އިޝްތިހާރު އަންނަ މަހުގެ 2 ގައި ރަސްމީކޮށް ދައްކައިލާނެ އެވެ.

ކިއާރާ، 30، ދެ ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްކޮށްފައިވެ އެވެ. އެއީ "ބޫލް ބުލައްޔާ 2" އާއި "ޖުގް ޖުގް ޖިއޯ" އެވެ. އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.