Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ޓިކްޓޮކަށް 1،000 މުވައްޒަފުން ނަގަނީ

ހަރަދުތައް ކުޑަކުރުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު ބޮޑެތި ބައެއް ކިންފުނިތަކުން މުވައްޒަފުން މަދުކުރަން ފަށާފައި ވަނިކޮށް، ޓިކްޓޮކުން ހާހެއްހާ މުވައްޒަފުން އަލަށް ނަގަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން 1،000 އެއްހާ ޓެކް އިންޖިނިއަރުން ނަގަން ނިންމާފައި ވަނީ އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ކުންފުނީގެ މައުންޓް ވިއު އޮފީހަށް ކަމަށެވެ. މީޑިއާތަކުން ބުނި އެމެރިކާ އަށް އަމާޒުކޮށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ނަގަން ނިންމީ ޓިކްޓޮކް ބޭނުންކުރާ އެމެރިކާ މީހުންގެ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭން ކުރާ މަސައްކަތްތަކަށް ހާއްސަކޮށްގެން ކަމަށެވެ.

އެމެރިކާ އަކީ އާންމުކޮށް ޗައިނާގެ މައްޗަށް ތަފާތު އެކި ކަހަލަ ތުހުމަތުތައް ކުރާ ގައުމެކެވެ. އެގޮތުން ޓިކްޓޮކުގެ ބޭނުންކުރާ މީހުންގެ ޑޭޓާތަކުގެ އެހީގައި އެމެރިކާ އަށް ޗައިނާ އން ޖާސޫސްކުރާކަމުގެ ތުހުމަތުތަކެއްކޮށް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޓިކްޓޮކަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރި އެވެ.

މިދިޔަ ހަފުތާގައި ސިންގަޕޫރްގައި ބޭއްވި "ބްލޫމްބާގް ނިއު އިކޮނޮމީ ފޯރަމް" ގައި ޓިކްޓޮކްގެ ސީއީއޯ ޝޮއު ޒީ ޗޫ ވިދާޅުވީ މުވައްޒަފުން އިތުރުކުރުމަކީ ކުންފުނިން ފަސްޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ އިގުތިސާދީގެ ހާލަތު މިހާރު އޮތް ގޮތަށް ރިއާޔަތްކުރާ އިރު، ޓިކްޓޮކަށް އިތުރު މުވައްޒަފުންތަކެއް ނެގުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަން ކުރަން މިއި ރަނގަޅު ދަނޑިވަޅެއް ކަމަށް އަހަރެމެން ދެކެނީ." ޗޫ ވިދާޅުވި އެވެ.

ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްގެ މުވައްޒަފުންގެ އަދަދު މިހާރު ވެސް 130،000 އަށް އަރަ އެވެ. ޓިކްޓޮކަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.

ޓިކްޓޮކުން ހާހެއްހާ މުވައްޒަފުން ނަގަން ނިންމި އިރު، މި ފަހުން މުވައްޒަފުން މަދުކުރަން ނިންމި ކުންފުނިތަކުގެ ތެރޭގައި ޓްވިޓާ، މެޓަ، ނެޓްފްލިކްސް އަދި ޑިޒްނީ ފަދަ މަޝްހޫރު ކުންފުނިތައް ހިމެނެ އެވެ.