Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

އިދިކޮޅުން ބަޖެޓަށް ހުށަހެޅި އިސްލާހުތައް ފާހެއް ނުވި

އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް މެމްބަރުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އިދިކޮޅުން ހުށަހެޅި އިސްލާހުތައް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

މި ބަޖެޓަށް އިދިކޮޅުގެ 2 މެމްބަރަކު އިސްލާހު ހުށަހެޅުއްވިއެވެ. އެގޮތުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހަތަރު އިސްލާހު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހަތަރު އިސްލާހު ހުށަހަޅުއްވާފައިވެއެވެ.

މެންބަރު ސައީދު ހުށަހެޅުއްވި އިސްލާހުތައް:

1) އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމަށް 8 މިލިއަން ހިމެނުމަށް ؛ އިސްލާހު ބަަލައިގަންނަން ފެންނަ ކަމަށް 14 މެމްބަރުން އަދި ނުފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދީފައިވެއެވެ.

2) ފޮރިން މިނިސްޓްރީއަށް ކަނޑައަޅާފައިވާ އަދަދުގެ 20 އިންސައްތަ އުނިކޮށް އެ ފައިސާ އަރަބިއްޔާ ސްކޫލުގެ އިމާރާތްކުރުމަށް ކަނޑައެޅުމަށް ؛ އިސްލާހު ބަަލައިގަންނަން ފެންނަ ކަމަށް 12 މެމްބަރުން އަދި ނުފެންނަ ކަމަށް 56 މެމްބަރުން ވޯޓު ދީފައިވެއެވެ.

3) ހާއްސަ ބަޖެޓްގެ ގޮތުގައި ހުށަހަޅާފައިވާ އަދަދު ކުޑަކުރުމަށް ؛ އިސްލާހު ބަަލައިގަންނަން ފެންނަ ކަމަށް 11 މެމްބަރުން އަދި ނުފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދީފައިވެއެވެ.

4) ކެޕިޓަލް ދޫކުރުމަށް ދޭ ފައިސާގެ ގޮތުގައި ހިމަނާފައިވާ އަަދަދުގެ 25 އިންސައްތަ ކުޑަކުރުމަށް ؛ އިސްލާހު ބަަލައިގަންނަން ފެންނަ ކަމަށް 09 މެމްބަރުން އަދި ނުފެންނަ ކަމަށް 56 މެމްބަރުން ވޯޓު ދީފައިވެއެވެ.

މެންބަރު ޝިޔާމް ހުށަހެޅުއްވި އިސްލާހުތައް:

1) ކޮންޓިންޖެންސީ ބަޖެޓްގެ ގޮތުގައި ހުށަހަޅާފައިވާ އަދަދު ކުޑަކުރުމަށް ؛ އިސްލާހު ބަަލައިގަންނަން ފެންނަ ކަމަށް 09 މެމްބަރުން އަދި ނުފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދީފައިވެއެވެ.

2) ސިޔާސީ މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާ އަދަދު 50 އިންސައްތައިން ކުޑަކޮށް ބާކީ ކުރެވޭ ފައިސާ މަސްވެރިންގެ ސަބްސިޑީއަށް އިތުރު ކުރުމަށް ؛ އިސްލާހު ބަަލައިގަންނަން ފެންނަ ކަމަށް 13 މެމްބަރުން އަދި ނުފެންނަ ކަމަށް 54 މެމްބަރުން ވޯޓު ދީފައިވެއެވެ.

3) ސަރުކާރުގެ ދަތުރުތަކަށް ކަނޑައަޅާފައިވާ ބަޖެޓް 50 އިންސައްތައަށް ކުޑަކުރުމަށް ؛ އިސްލާހު ބަަލައިގަންނަން ފެންނަ ކަމަށް 12 މެމްބަރުން އަދި ނުފެންނަ ކަމަށް 54 މެމްބަރުން ވޯޓު ދީފައިވެއެވެ.

4) ބަޖެޓް ރިޕޯޓުގެ ލަފާތަކުގެ ތެރޭގައި މަސްވެރިންނަށް ތެލުގެ ސަބްސިޑީ ހަމަހަމަކަމާއެކު ލިބޭނެގޮތެއް ހެދުމަށް ހިމެނުމަށް ؛ އިސްލާހު ބަަލައިގަންނަން ފެންނަ ކަމަށް 11 މެމްބަރުން އަދި ނުފެންނަ ކަމަށް 53 މެމްބަރުން ވޯޓު ދީފައިވެއެވެ.

އިދިކޮޅު މެމްބަރުންގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުވެސް ވަނީ ބަޖެޓަށް އިސްލާހުތަކެއް ހުށަހަޅާފައެވެ. މެމްބަރު އިބްރާހިމް ރަޝީދު ހުށަހެޅި އިސްލާހުތަކުގައި ވަނީ ސަޕްލިމެންޓަރީ ބަޖެޓްގައި ހުރި އަދަދުތައް ތަފުސީލު ކުރުމަށެވެ. އެހެންނަމަވެސް އެ އިސްލާހުތައްވެސް ފާސްވެފައެއް ނުވެއެވެ.

އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ކޮމިޓީން ގެނައި އިސްލާހުތަކާއެކު ފާސްކޮށްފައެވެ.