Last Updated: April 24, 16:21
Wednesday, April 24, 2024
ޚަބަރު

ހުޅުމާލޭގެ މަގުތަކުގެ ލޭންތައް ވަކިކޮށް ބޮޑު ބަދަލެއް

ހުޅުމާލޭ މަގުތަކަށް އެޗްޑީސީން ގެންނަ ބަދަލު / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ނިރޮޅު މަގުގައި ޕާކް ނުކުރެވޭ ގޮތް ހަދައި، އިތުރު ޕާކިން ޒޯންތަކެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން މިކަން ހާމަކޮށް ނެރުނު ނޫސްބަޔާނުގައި ބުނީ، 2015 އަހަރު ހަދާފައިވާ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ދަށުން ހުޅުމާލެއަށް ޒިޔާރާތް ކުރާ ފަރާތްތަކަށާއި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. މިގޮތުން ދުނިޔޭގެ ފެންވަރަށް ހުޅުމާލޭގެ މަގުތަށް ގެނައުމަށް ނިރޮޅުމަގާއި އަދި އެހެނިހެން މަގުތަށް ލޭންތަކަށް ބަހާލުމަށް ނިންމާފައިވާ ކަން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލެ މެއިން މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިންހުރެއެވެ. އެގޮތުން 4 ލޭނަކަށް ބަހާލައިގެން އެއްފަހަރާ 4 ވެހިކަލް އެއް މަގުން ދުއްވޭނެގޮތަށް ވަނީ ޕްލޭން އެކުލަވާލާފައެވެ. އެގޮތުން ބަސް ލޭނަކާއި، ބައިސްކަލް އަދި އެހެނިހެން ވެހިކަލްތަކަށް ހާއްސަ ލޭނެއް ކަނޑައަޅާނެއެވެ. މި ބަދަލު ގެނެވުމަށް މިހާތަނަށް މި ކޯޕަރޭޝަނުން މަސައްކަތް ފަށާފައިވަނީ ހުޅުމާލެގެ ނިރޮޅުމަގުގެ އިތުރުން ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގެވެ. މި ބަދަލާއި އެކު ހުޅުމާލެގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކުކުރެވިފައި ނުބެހެއްޓޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މިގޮތަށް ބަދަލު ގެނެވޭއިރު، މިހާރުވެސް ހުޅުމާލޭގެ އެކިި ސަރަހައްދުތަކުގައި ޕާކިން ލޮޓްތަށް ޤާއިމް ކުރެވިފައިވާ ކަމަށާއި، އިތުރު ޕާކިން ލޮޓްތައް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން މަގުތަކުގައި ލޭން ކަނޑައަޅާއިރު ނޫކުލައިން ފާހަގަ ކުރެވޭ ގޮތަށް ބައިސްކަލް ލޭނެއް ކަނޑައަޅާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެއީ ބައިސްކަލަކީ އެހެނިހެން އުޅަނދުތަކަށް ވުރެ މަޑުން ދުއްވާ އުޅަނދަކަށްވުމުން، ބައިސްކަލް ދުއްވާ ފަރާތްތަކާއި މަގު ބޭނުން ކުރާ އެހެން ފަރާތްތަކަށް ދަތި ނުވާނޭ ގޮތަށް ހެދުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ މަގުތަކަށް އެޗްޑީސީން ގެންނަ ބަދަލު / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ދިރިއުޅޭ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ހުޅުމާލޭގެ މަގުތަށް ކާރުބާރު ބޮޑުނުވެ އާންމުންނަށް ފަސޭހަކަމާއި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ހިނގާ ބިނގާ އުޅޭ ފަރާތްތަކަށް މަގުތަކައި ޑައިރެކްޝަނަލް ތީރު ޖަހުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ.

އެޗްޑީސީން ވަނީ މިފަދަ ބަދަލުތައް ގެންނައިރު ބަދަލުތަކަށް އާންމުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.