Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

54 ޕަސެންޓް މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 54 ޕަސެންޓު މަސައްކަތް ނިންމުމަށްފަހު މަޖިލިސް މިއަދު ޗުއްޓީ އަށް ހިނގައްޖެއްޖެ އެވެ.

މިއަދު ބޭއްވި ތިންވަނަ ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ މި ދައުރުގެ ތެރޭގައި މަޖިލީހުން 25 ބިލެއް މަސައްކަތް ނިންމާފައިވާ ކަމަށާއި އަދި ހަ ގަރާރަކާއި ސަރުކާރުން ހުށަހެޅި 10 މައްސަލައެއްގެ މަސައްކަތް ވެސް ނިންމާފައިވާ ކަމަށެވެ.

އަދި ރިޔާސަތުން ހުށަހެޅި ހަތަރު މައްސަލައަކާއި، 9 ކުއްލި މައްސަލައެއްގެ މަސައްކަތް ވެސް މަޖިލީހުން ނިންމާފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. އޭގެއިތުރުން މެމްބަރުން ހުށަހެޅި ތިން މައްސަލަ އާއި އެހެނިހެން މައްސަލަތަކާ ގުޅޭ ފަސް ރިޕޯޓެއްގެ މައްސަލައެއްގެ އިތުރުން މި ދައުރުގައި ވަޒީރުންނާ 43 ސުވާލު ކުރެވިފައިވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

"މި ދައުރުގައި ނިމުނު އިންސައްތަ އަކީ 54.7، ނުނިމި ވަނީ 45.3 ޕަސެންޓް." އަފީފް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.