Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އޭއެފްޕީން ފުލުހުންނަށް ވޯކްޝޮޕެއް ހިންގައިފި

ފުލުހުންނަށް ހާއްސަކޮށްގެން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭއެފްޕީ) އިން "ސީނިއާ ޕޮލިސް އެގްޒެކްޓިވް މީޑިއާ ވޯކްޝޮޕް" ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި މި މަހުގެ 26 އާއި 27 ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި، ފުލުހުންގެ ޚިދުމަތުގެ ފަރާތުން މީޑިއާތަކާއި އާންމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދީފައިވެ އެވެ. އެގޮތުން، އާންމު މީޑިއާތަކުގެ ބޭނުން ފުލުހުން ކުރާނެގޮތް، އެކަމުގެ މުހިންމުކަން، މައުލޫމާތު ދިނުމަށް ތައްޔާރު ވާނެ ގޮތް، މީޑިއާ ސްޓްރެޓެޖީސް އަދި އެކި ހާލަތްތަކުގައި މީޑިއާ އަށް މައުލޫމާތު ދޭނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން، ނޫސްވެރިންގެ ބައްދަލުވުމަކަށް ތައްޔާރުވެ މައުލޫމާތު ދިނުމުގައި އަމަލުކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށް ދިނުމާ އެކު ބައިވެރިންގެ މެދުގައި ގްރޫޕް ހަރަކާތްތަކެެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓުތަކާއި އަތޮޅު ކޮމާންޑަރުން ހިމެނޭހެން 20 މުވައްޒަފުން ބައިވެރިވި ވޯކްޝޮޕްގައި ޝެޝަންތައް ނަންގަވައިދެއްވީ އޭއެފްޕީގެ ފަރާތުން މީޑިއާ އޮފިސަރު މައިކަލް ވްރޭ އެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެހީތެރިކަމާ އެކީގަ އެވެ.