Last Updated: July 27, 09:53
Saturday, July 27, 2024
ކުޅިވަރު

ފޯރިގަދަވި ކެމަރޫން-ސާބިޔާ މެޗު އެއްވަރު

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީ ގައި ކެމަރޫން އާއި ސާބިޔާ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު ދެ މެޗުން ކެމަރޫން އަދި ސާބިޔާ އަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި ގްރޫޕްގައި ދެން ހިމެނޭ ބްރެޒިލް އަދި ސްވިޒަލޭންޑަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގައި މިރޭ ބްރެޒިލް އާއި ސްވިޒަލޭންޑް ބައްދަލުކުރާނެ އެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރީކޮޅު ސާބިޔާގެ ފޯވާޑް އެލެކްސެންޑާ މިޓްރޮވިޗް އަށް ވަނީ އެޓީމަށް ލީޑު ނަގައިދޭން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ކެމަރޫންގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ފޮނުވާލި ދެވަނަ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އެ ފުރުސަތުތަކުގެ ބޭނުން ސާބިޔާ އަށް ނުހިފުނުއިރު މެޗުގެ 29 ވަނަ މިނެޓްގައި ކެމަރޫންގެ ކަސްޓެލޭޓޯ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ގޯލަށްފަހު ސާބިޔާ އިން ކުރިއަށް ޖެހިލައިގެން ކުޅެމުންދިޔައިރު އެޓީމުން ދިޔައީ ކެމަރޫންގެ ޕެނަލްޓީއޭރިއާ ތެރެއަށް ނުރައްކާތެރި ގިނަ ހުރަސްތަކެއް ކުރަމުންނެވެ. އެގޮތުން މެޗުގެ 45 ވަނަ މިނެޓްގައި ޕަވްލޮވިޗް ސާބިޔާ އަށް ނަތީޖާ އެއްވަރުކޮށްދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން މިލިންކޮވިޗް ސަވިޗް ވަނީ ސާބިޔާ އަށް ލީޑު ނަގާދީފަ އެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ސާބިޔާގެ ތިންވަނަ ގޯލް މިޓްރޮވިޗް ކާމިޔާބުކޮށްދިންއިރު މި ގޯލާއެކު ކެމަރޫން އިން އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ވިންސެންޓް އަބޫބަކާރް ވަނީ ކުޅެން އަރުވާފަ އެވެ. އެގޮތުން ކެމަރޫންގެ ދެވަނަ ގޯލް މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް އަބޫބަކާރް އެވެ. އަދި އޭގެ ތިން މިނެޓްފަހުން އޭނާ ދިން ޕާހަކުން ކެމަރޫނަށް ނަތީޖާ އެއްވަރުކޮށްދިނީ އެރިކް މެކްސިކް ޗުޕޮމޯޓިން އެވެ.

މެޗުގެ ފަހު 15 މިނެޓްތެރޭ ސާބިޔާ އަށް ލީޑު ނަގައިދޭން މިޓްރޮވިޗް އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް އޭނާ އަށް ވަނީ ހިފޭގޮތް ނުވެފަ އެވެ.

މި ގްރޫޕްގައި ހިމެނޭ ބްރެޒިލް އާއި ސްވިޒަލޭންޑް ބަައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.