Last Updated: February 4, 06:38
Saturday, February 4, 2023
ކުޅިވަރު

މެޗު ޕްރިވިއު: ދެކުނު ކޮރެޔާ-ގާނާ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ ފަހު މެޗުތައް ކުޅެން ފަށާފައިވާއިރު މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދެކުނު ކޮރެޔާ އާއި ގާނާ އެވެ.

ގްރޫޕް އެޗްގައި ގައި ހިމެނޭ މި ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުން މޮޅެއް ލިބިފައެއް ނުވެ އެވެ. އެގޮތުން ޕޯޗުގަލް އަތުން 3-2 އިން ގާނާ ބަލިވިއިރު އުރުގުއޭއާ ދެކޮޅަށް ކޮރެޔާ ކުޅުނީ މެޗު ވީ އެއްވަރެވެ. މިއަދުގެ މެޗުން ގާނާ ބަލިވެއްޖެ ނަމަ މުބާރާތުން އެޓީމު ކަޓާނެ އެވެ.

އެންމެފަހުން ދެކުނު ކޮރެޔާ އިން ވާދަކުރި ދެ ވޯލްޑް ކަޕްގައި ވެސް އެޓީމު މުބާރާތާއި އަލްވަދާއު ކިޔާފައިވަނީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. އެޓީމަށް ވޯލްޑް ކަޕެއްގެ ދެވަނަ ބުރަށް އެންމެފަހުން ދެވިފައިވަނީ 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެންމެފަހުން ކޮރެޔާ އިން ކުޅުނު 10 މެޗުގެ ތެރެއިން އެޓީމު ބަލިވެފައިވަނީ އެންމެ މެޗަކުން ކަމަށްވާއިރު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކޮރެޔާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ. އެގޮތުން އެ މެޗުގައި އުރުގުއޭގެ ގޯލާ އަމާޒުކޮށް ކޮރެޔާ އަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ. ނަމަވެސް މިރޭގެ މެޗުގައި ކޮރެޔާގެ ފަރާތުން އެޓޭކިން ކުޅުމެއް ފެންނާނެ ކަމަށް ބެލެވޭއިރު ކޮރެޔާގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކަށް ވާނީ އެޓީމުގެ ފޯވާޑް ސޮން އެވެ.

އެންމެފަހުން ގާނާ އިން ވާދަކުރި ތިން ވޯލްޑް ކަޕްގެ ތެރެއިން ދެ މުބާރާތެއްގައި ގާނާ އިން ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ގޮސްފަ އެވެ. އަދި ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ހަ މެޗުގައި ވެސް ގާނާ އިން ވަނީ ގޯލް ކާމިޔާބުކޮށްފަ އެވެ. މިއީ މިއަދުގެ މެޗަށް ނިކުންނައިރު ގާނާ އަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށްވާއިރު ޕޯޗުގަލް އަތުން ހަނި ގޮތަކަށް ގާނާ ބަލިވި ނަމަވެސް އެ މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. މިރޭގެ މެޗުން މޮޅެއް ހޯދުން ގާނާ އަށް މުހިއްމު ވާއިރު ފުރަތަމަ މެޗަށް ވުރެ ބޮޑަށް މި މެޗުގައި ގާނާގެ ފަރާތުން އެޓޭކިން ގޭމެއް ފެންނާނެ ކަމަށް ބެލެވެ އެވެ.

ދެކުނު ކޮރެޔާ

މިއީ ވޯލްޑް ކަޕްގައި ކޮރެޔާ އިން އެފްރިކާގެ ޓީމަކާ ދެކޮޅަށް ނިކުންނަ ހަތަރުވަނަ ފަހަރެވެ. އެގޮތުން 2006 ވަނަ އަހަރު ކޮރެޔާ އިން ޓޯގޯގެ މައްޗަށް 2-1 އިން ކުރި ހޯދިއިރު 2010 ވަނަ އަހަރު ނައިޖީރިޔާއާ ބައްދަލުކޮށްވީ 2-2 އިން އެއްވަރެވެ. އަދި 2014 ވަނަ އަހަރު އަލްޖީރިއާ އަތުން ކޮރެޔާ ވަނީ 4-2 އިން ބަލިވެފަ އެވެ.

އެންމެފަހުން ވޯލްޑް ކަޕްގައި ކޮރެޔާ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުގައި އެޓީމަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އަދި އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗެއްގައި ކޮރެޔާ އަށް އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

މި މެޗަށް ނިކުންނައިރު ކޮރެޔާ ޓީމުގައި އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.

ގާނާ

ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ފަސް މެޗުން ވެސް ގާނާ އަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެ ފަސް މެޗުގެ ތެރެއިން ތިން މެޗުން ގާނާ ބަލިވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިއަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގެ މެޗުތައް ނިމުނުއިރު ގޯލެއް ކާމިޔާބު ކުރެވުނު ހަމައެކަނި ޓީމަކީ ގާނާ އެވެ.

މި މެޗަށް ނިކުންނައިރު ގާނާ ޓީމުގައި ވެސް އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ކޮރެޔާ އާއި ގާނާ ބައްދަލުކުރާ 10 ވަނަ މެޗު ކަމަށްވާއިރު އެންމެފަހުން މި ދެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ކޮންމެ ޓީމަކުން ވެސް ވަނީ ތިން މޮޅު ހޯދާފަ އެވެ. އެންމެފަހުން މި ދެ ޓީމު ބައްދަލުކުރީ 2014 ވަނަ އަހަރު އެވެ. އެފަހަރު ގާނާ އިން ވަނީ 4-0 އިން ކޮރެޔާ ބަލިކޮށްފަ އެވެ.

ގާނާ އާއި ކޮރެޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 6 ޖަހާއިރު އެވެ.