Last Updated: March 28, 14:17
Thursday, March 28, 2024
ރިޕޯޓް

އިންތިހާބީ އަހަރަށް އުންމީދީ ބަޖެޓެއް!

2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ބަޖެޓު ހުށަހެޅިއިރު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އަންނަ އަހަރަސް ދައުލަތުން ހުށަހަޅާ ބަޖެޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލީޙްގެ ސަރުކާރުން ވަޢުދު ފުއްދުމަށް ހުށަހަޅާ ބަޖެޓެއް ކަމަށެވެ. ސަރުކާރުން 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު، މަޖިލީހުން ބަޖެޓު ބަހުސްތަކަސް ފަހު ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް ވަނީ ފާސްކޮށްފައެވެ،

އަންނަ ފާސްކޮށްފައިވާ ބަޖެޓަށް ބަލާއިރު، ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ވަނީ ރާވާފައެވެ. އެގޮތުން ކުރިއަށް އޮތް 2023 ވަނަ އަހަރު އިންތިޙާބީ އަހަރަށްވާއިރު ވަޢުދުތަށް ފުއްދައި ވީހާވެސް ގިނަ މަސައްކަތަކެއް ކުރުމަށް ބަޖެޓުގައި ހާއްސަ އިސްކަމެއް ދީފައިވެއެވެ. މިކަމަށް ރިއާޔަތްކޮށް އަދި ދުނިޔޭގެ ޤައުމުތަކުގައި އިންފްލޭޝަން މައްޗަށް ދިއުމާއި އެކު އާމްދަނީ އިތުރުކުރުމަށް ވެސް ފިޔަވަޅުތަކެއް މިވަނީ މަޖިލިސް މެދުވެރިކޮށް އަޅާފައެވެ،

މަޖިލީހުން ފާސްކުރި ބަޖެޓަށް ބަލާއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މީގެ ތެރެއިން ޓެކުހުގެ އާމްދަނީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ސަރުކާރުން ޓެކްސް އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރު ޖެނުއަރީ 1 އިން ފަށައިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޖީއެސްޓީ ނުވަތަ އާންމު ވިޔަފާރިއާއި ޙިދުމަތުން ނަގާ ޓެކްސް %6 އިން %8 އަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ޓޫރިޒަމަ ވިޔަފާރިތަކާއި ޙިދުމަތުން ނަގާ ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ.

މީރާގެ ޚިދްމަތް ދިނުން- ފޮޓޯ: މީރާ

ސަރުކާރުގެ ފަރާތުން ޓެކްސް ރޭޓުތަކަށް ބަދަލު ގެނެސްފައިވާއިރު، މިއަހަރުގެ ބަޖެޓުގައިވެސް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ޓެކްސް އާމްދަނީ މިހާތަނަށް ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކަައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނާފައެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.

ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، އަންނަ އަހަރަށް ލަފާކޮށްފައިވަނީ ޑެފިސިޓް ބަޖެޓެކެވެ. އެގޮތުން ބަޖެޓް ޑެފިސިޓް އަކީ 8.4 ބިލިއަން ރުފިޔާއެވެ.

މިއަންނަ އަހަރަށް ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ރޭވިފައެވެ. އަދި މި ބަޖެޓުގެ ބޮޑުބައެއް ތަރައްޤީގެ މަޝްރޫޢުތަކަށް ވަނީ ހާއްސަ ކުރެވިފައެވެ. މިއާއެކު މަޖިލީހުން މިއަދު ފާސްކުރި ބަޖެޓުގެ ޙަރަދުގެ ގޮތުގައި 40.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫޢުތަކަށް ނުވަތަ ސަރުކާރުން ޙަރަދުކޮށްގެން ހިންގާ މަޝްރޫޢުތަކަށް 8.4 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ބަޖެޓު ޙަރަދުގެ %67 އަކީ ރިކަރެންޓު ޙަރަދެވެ.

ވީއައިއޭގެ މަސައްކަތްތައް ރައީސް ބައްލަވާލެއްވުން – ފޮޓޯ: ރައީސް އޮފީސް

މި ބަޖެޓާއިއެކު އެންމެ ބޮޑަށް ދެކެވިގެން ދިޔަ އެއްވާހަކައަކީ ރާއްޖެއަށް ދަރަނި ނުދެއްކޭ ހާލަތަކަށް ގޮސްދާނެ ކަމުގެ ވާހަކައެވެ. މިވާހަކަތައް ސަރުކާރުން މިހާތަނަށްވެސް ދޮގު ކުރާއިރު މި ބަޖެޓުގައި ދަރަނި އަނބުރާ ދެއްކުމަށް 2 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިއީ މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. ދުވަހު ދުވަހަަށް ޙަރަދުތައް ބޮޑުވަމުންދާއިރު ދައުލަތަށް ލިބޭ އާމްދަނީއާއި ޙަރަދު ނުބައްދަލުވުމަކީ ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮންނަ ކަމަކެވެ. އަދި ކުރިއަށް އޮތީ އިންތިހާބީ އަހަރު ކަމުން ޙަރަދުތައް ބޮޑުވެގެންދާނެ ކަމަށް ޤަބޫލު ކުރެވެއެވެ.