Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

ބަޖެޓަށް ވޯޓު ނުދޭ އެމްޑީޕީ މެމްބަރުންނަށް ފިޔަވަޅު އަޅަނީ

އެމްޑީޕީ ޕީޖީ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ވޯޓުނުދިން އެމްޑީޕީ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ބަޖެޓް ފާސް ކުރަން ވޯޓް ދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް އެމްޑީޕީގެ ހަތް މެމްބަރަކު ބަޖެޓަށް ވޯޓު ނުދެއްވާ ތަޅުމުގައި ތިއްބެވި އެވެ.

އެ ހަތް މެމްބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ ވިޕާ ހިލާފުވުމުން ފިޔަވަޅު އެޅުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށާއި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަމަވެސް އަޅުއްވާނެ ފިޔަވަޅެއް އަސްލަމް ހާމަކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ބައެއް މެމްބަރުން ހިލާފުވުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕް ގަވައިދުގައިވާ ގޮތުން ވިޕްލައިނާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ފިޔަަވަޅު އަޅަންޖެހިއްޖެނަމަ ނަސޭހަތްދިނުމާއެކު މާފަށް އެދެން އެންގިދާނެ އެވެ. އަދި ތިންވަނަ ފަހަރަށް ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ދޭ އިނާޔަތްތަކާއި ޕާޓީއަށް ލިބޭ ދަތުރުތަކުގައި ނުދެވޭ ގޮތް ހެދިދާނެ އެވެ.

ހަތަރުވަނަ ފަހަރު ފިޔަވަޅު އަޅާއިރު ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެ މަގާމުން ވަކިކޮށް ޕާޓީގެ އިންތިހާބުތަކުގައި ވާދަކުރުން އެއް އަހަރަށް ސަސްޕެންޑް ކުރެވިދާނެ އެވެ. އަދި ފަސް ވަނަ ފަހަރު ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ވަކިކުރެވިދާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.