Last Updated: July 27, 10:26
Saturday, July 27, 2024
ކުޅިވަރު

މެޗު ޕްރިވިއު: ބްރެޒިލް-ސްވިޒަލޭންޑް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ ފަހު މެޗުތައް ކުޅެން ފަށާފައިވާއިރު މިއަދުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ބްރެޒިލް އާއި ސްވިޒަލޭންޑެވެ.

ގްރޫޕް ޖީ ގައި ހިމެނޭ މި ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ. ބްރެޒިލް މޮޅުވީ ސާބިޔާއާ ބައްދަލުކޮށް 2-0 އިންް ކަމަށްވާއިރު ސްވިޒަލޭންޑް މޮޅުވީ ކެމަރޫންއާ ބައްދަލުކޮށް 1-0 އިންނެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ.

މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ބްރެޒިލް އިން ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދެއްކިިއިރު އެ މެޗުގައި އެޓީމަށް ކުރިމަތިވި އެންމެ ބޮޑު ގެއްލުމަކީ ނޭމާ އާއި ފުލްބެކް ޑެނީލޯ އަށް އަނިޔާވުމެވެ. އެ އަނިޔާގެ ސަބަބުން އެ ދެ ކުޅުންތެރިންނަށް ވެސް ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި ނުކުޅެވޭނެ އެވެ. އެ ދެ ކުޅުންތެރިން ނެތްތަން ފޫބައްދަން ބްރެޒިލް ޓީމުގައި ހުނަރުވެރި ކުޅުންތެރިން ތިބިއިރު ފުރަތަމަ މެޗާއި ހިލާފަށް މި މެޗު ވެގެންދާނީ ބްރެޒިލް އަށް ޗެލެންޖިން މެޗަކަށެވެ. އެގޮތުން ސްވިޒަލޭންޑަކީ ޔޫރަޕްގެ ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް މިފަހުން ނެރެފައިވާ ޓީމަކަށްވާއިރު ބްރެޒިލް އަށް އޮތް ހިތްހަމަޖެހުމަކީ އެންމެފަހުން ކުޅުނު 8 މެޗުން ވެސް މޮޅުވެފައިވުމެވެ.

ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗުގައި ސްވިޒަލޭންޑްގެ ޑިފެންސްލައިން އަދި ކީޕަރަށް ވެސް މާބޮޑު ނުރައްކަލަކާއި ކުރިމަތިލާން ނުޖެހުނުއިރު މިރޭގެ މެޗަކީ ސްވިޒަލޭންޑަށް އެއަށް ވުރެ އުނދަގޫ މެޗަކަށެވެ. ސްވިޒަލޭންޑަށް ބްރެޒިލް އަކީ އާ ޓީމެއް ނޫން ކަމަށްވާއިރު މި ދެ ޓީމުގެ ކުރިމަތިލުމެއް އެންމެފަހުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ވެސް ފެނިގެން ގޮސްފައިވެ އެވެ. އެ ފަހަރު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް ސްވިޒަލޭންޑް މޮޅުވެފައިވާއިރު އެ މެޗުތަކުގައި އެޓީމު ބަލިކުރި ޓީމުތަކުގެ ތެރޭގައި ޕޯޗުގަލް އަދި ސްޕެއިން ފަދަ ޓީމުތައް ހިމެނެ އެވެ.

ބްރެޒިލް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެފަހުން ބްރެޒިލް އިން ކުޅުނު 16 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ. ގްރޫޕް ސްޓޭޖުގައި މިހާތަނަށް އެއްވެސް ޓީމަކަށް ބަލިނުވެ 17 މެޗު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް އެންމެ ގިނައިން ބަލިވެފައިވަނީ ޔޫރަޕްގެ ޓީމުތައް އަތުންނެވެ. އެގޮތުން ވޯލްޑް ކަޕްގައި ބްރެޒިލް ބަލިވި 18 މެޗުގެ ތެރެއިން 16 މެޗުން ބަލިވީ ޔޫރަޕްގެ ޓީމުތައް އަތުންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު ނޭމާ އާއި ޑެނީލޯ ފިޔަވައި އިތުރު އަނިޔާގެ މައްސަލައެއް ބްރެޒިލް ޓީމުގައި ނެތެވެ

ސްވިޒަލޭންޑް

ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ސްވިޒަލޭންޑުން ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެ މޮޅު ސްވިޒަލޭންޑުން ހޯދީ 2014 ވަނަ އަހަރު އިކުއެޑޯއާ ކުޅެ 2-1 އިންނެވެ.

ބްރެޒިލްއާ ދެކޮޅަށް ސްވިޒަލޭންޑުން އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން އެޓީމު ވަނީ މޮޅު ހޯދާފަ އެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ސްވިޒަލޭންޑްގެ ފޯވާޑް ރެނާޓޯ ސްޓެފަން އަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ވޯލްޑް ކަޕްގައި ބްރެޒިލް އާއި ސްވިޒަލޭންޑް ބައްދަލުކުރާ ތިންވަނަ ފަހަރެވެ. މީގެކުރިން މި ދެ ޓީމު ވޯލްޑް ކަޕްގައި ބައްދަލުކުރި ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

ބްރެޒިލް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.