Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އެމެރިކާ އިން ރާއްޖެ އަށް ތިން މިލިއަން ޑޮލަރު ދީފި

ޔޫ.އެސް އެއިޑް ނުވަތަ އެމެރިކާގެ އޭޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ދަށުން އެމެރިކާ ސަރުކާރާއި ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރިމެންޓަށް އިސްލާހު ގެނެސް އެހީގެ ގޮތުގައި އިތުރު 3 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ދިވެހި ސަރުކާރާއިއެކު ވެފައިވާ މި އެއްބަސްވުމަށް ގެނައި އިސްލާހުގެ ދަށުން ޙަރަދު ކުރަން ހަމަޖެހިފައިވަނީ ޕަބްލިކް ފައިނޭންސާއި ހެޔޮވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތަށެވެ.

އެއްބަސްވުމާއި ގުޅޭ ގޮތުން ޔޫ.އެސް އެއިޑްގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އަންޖަލީ ކައުރު ވިދާޅުވީ، މިއީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެކު އެމެރިކާ އޮތް ގުޅުން ދައްކުވައިދޭ ހެއްކެއް ކަމަށެވެ. އަދި އެމެރިކާގެ ފަރާތުން މި އެއްބަސްވުމުގެ ތެރެިއން މިދަނީ ރާއްޖެ އިސްކަންދޭ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުން ކަމަށް ވިދާޅުވިއެވެ.

އެމެރިކާއާއި ރާއްޖެއާއި ދެމެދު މި ބައިލެޓްރަލް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރު މާރިޗު މަހުގެ ތެރޭގައެވެ. މިއާއެކު އެއްބަސްވުމުގެ ދަށުން އެމެރިކާއިން 28 މިލިއަން ޑޮލަރަށް ވުރެ ގިނަ އެހީ ދިނުމަށް އެއްބަސްވެއެވެ. މި އެހީގެ ތެރޭ ޤާނޫނީ ބާރުވެރިކަން އިތުރުކުރުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށާއި، ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމުގެ ދާއިރާ ހިމެނެއެވެ.

މިހާތަނަށް ޔޫ.އެސް އެއިޑްގެ އެހީތެރިކަމާއި އެކު ބަލިމަޑުކަމުން އަރައިގަނެ ޤައުމު އާރާސްތުކުރުމުގައި ހެއްކަށް ބިނާވެ ކަންކަން ނިންމުމުމުގައި އެހީވުމާއި، އައްޑޫ އަދި ފުވައްމުލަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް އަންނަ ބަދަލު ދެނެގަތުމަށް ކުރެވޭ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުންވެސް ޔޫ.އެސް އެއިޑުން ދަނީ ތިމާވެށީގެ ވިލުންވެރިކަން އިތުރުކޮށް، އިޤްތިޞާދީ އަދި ޑިމޮކްރެޓިކް ރިފޯމާއި މަދަނީ ޖަމީއްޔާތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.