Last Updated: April 18, 22:36
Thursday, April 18, 2024
ކުޅިވަރު

މެޗު ޕްރިވިއު: ޕޯޗުގަލް-އުރުގުއޭ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެެ ފަހު މެޗު މިރޭ ކުޅޭއިރު އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އެޗްގައި ހިމެނޭ އުރުގުއޭ އަދި ޕޯޗުގަލް އެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ޕޯޗުގަލް މޮޅުވިއިރު އުރުގުއޭ ފުރަތަމަ މެޗުން ފުއްދާލީ ޕޮއިންޓަކުންނެވެ. ޕޯޗުގަލް މޮޅުވީ ގާނާ އަތުން 3-2 އިން ކަމަށްވާއިރު ދެކުނު ކޮރެޔާ އާއި އުރުގުއޭ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިރޭގެ މެޗުން މޮޅުވެއްޖެނަމަ ޕޯޗުގަލް އަށް ދެވަނަ ބުރުން ޖާގަ ލިބޭނެ އެވެ.

އެންމެފަހުން ޕޯޗުގަލް އިން ކުޅުނު ތިން ވޯލްޑް ކަޕްގެ ތެރެއިން ދެ މުބާރާތެއްގެ ދެވަނަ ބުރަށް އެޓީމު ދަތުރުކޮށްފައިވެ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ ފަސް ވޯލްޑް ކަޕެއްގައި ގޯލް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލް އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެޓީމު ކޮޅަށް ވަދެފައިވަނީ އާދައިގެ ދެ ގޯލު ކަމަށްވުމުން އެއީ ޕޯޗުގަލް އިން މިރޭ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމެކެވެ.

އުރުގުއޭ އެންމެފަހުން ވާދަކުރި ތިން ވޯލްޑް ކަޕްގައި ވެސް އެޓީމުން ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިޔައިރު މުބާރާތުގެ ފުރަތަމަ މެޗުން އެޓީމަށް މޮޅެއް ނުހޯދުން ވެގެންދިޔައީ މިރޭގެ މެޗަށް ނިކުންނައިރު އެޓީމަށް ޕްރެޝަރު ބޮޑުވި ކަމެކެވެ. ފުރަތަމަ މެޗުގައި އުރުގުއޭ އިން ފޮނުވާލި ދެ ހަމަލާއެއް ކޮރެޔާގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އެ މެޗުގައި އުރުގުއޭގެ ފޯވާޑުން ކަމަށްވާ ޑާވިން ނުނޭޒް އާއި ލުއިސް ސުއަރޭޒް މެންފަދަ ކުޅުންތެރިންނަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްދެވިފައެއް ނުވެ އެވެ. މުބާރާތުގައި ކުރިއަށް ދިޔުމަށް އުރުގުއޭ އަށް މިރޭ ތިން ޕޮއިންޓް މުހިއްމު ވާއިރު އެޓޭކިން ކުޅުންތެރިންގެ ބޭނުން ރަނގަޅު ގޮތުގައި މިރޭ ހިފުން މުހިއްމެވެ.

ޕޯޗުގަލް

އެންމެފަހުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އިން ކުޅުނު 13 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެ 13 މެޗުގެ ތެރެއިން ހަތް މެޗުން ޕޯޗުގަލް ވަނީ މޮޅުވެފަ އެވެ.

ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ޕޯޗުގަލް އިން އެންމެފަހުން ކުޅުނު 9 މެޗުގެ ތެރެއިން އެޓީމަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ. އެއީ 2014 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާ އަތުން 1-0 އިން ޕޯޗުގަލް ހޯދި މޮޅެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ޕޯޗުގަލްގެ މިޑްފީލްޑަރު ޑެނީލޯ ޕެރެއިރާ ހުރީ ކުޅުމާ ދުރުގަ އެވެ.

އުރުގުއޭ

އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗުގައި ވެސް އުރުގުއޭ އަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ވޯލްޑް ކަޕްގައި އެންމެފަހުން ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އުރުގުއޭ ވަނީ މޮޅު ހޯދާފަ އެވެ. އޭގެތެރޭގައި ޕޯޗުގަލް އަތުން ހޯދި މޮޅެއް ވެސް ހިމެނެ އެވެ.

މިރޭގެ މެޗަށް ނިކުންނަ އިރު އަނިޔާގެ މައްސަލައެއް އުރުގުއޭ ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ އުރުގުއޭ އާއި ޕޯޗުގަލް ބައްދަލުކުރާ ހަތަރުވަނަ ފަހަރެވެ. މީގެކުރިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ ޓީމުން ވެސް އެއް މޮޅު ހޯދާފައިވާއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުގަ އެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ އުރުގުއޭ އިންނެވެ.

އުރުގުއޭ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.