Last Updated: April 18, 22:36
Friday, April 19, 2024
ކުޅިވަރު

ރެކޯޑަކާ އެކު ބްރެޒިލް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީ ގައި މިރޭ ސްވިޒަލޭންޑް 1-0 އިން ބަލިކުރުމަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ބްރެޒިލް ދަތުރުކޮށްފި އެވެ.

މި މޮޅާއެކު ބްރެޒިލް ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަލި ނުވެ 17 މެޗު ފުރިހަމަކުރި ފުރަތަމަ ޓީމަށެވެ. ގްރޫޕް ސްޓޭޖު މެޗަކުން ބްރެޒިލް އެންމެފަހުން ބަލިވީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

ބްރެޒިލް އަކީ މިފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރި ދެވަނަ ޓީމެވެ. ދެވަނަ ބުރުގެ ޖާގަ ދެން ކަށަވަރުކޮށްފައިވަނީ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސެވެ.

މިރޭގެ މޮޅާއެކު ބްރެޒިލް މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގަ އެވެ. ސްވިޒަލޭންޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު މި ގްރޫޕްގައި ދެން ހިމެނޭ ސާބިޔާ އަދި ކެމަރޫން އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އަނިޔާގެ ސަބަބުން ބްރެޒިލްގެ ތަރި ނޭމާއާ ނުލާ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލް އިން ކުޅުނުއިރު މި ހާފްގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރެޒިލްގެ ވިނީޝަސް ޖޫނިއާ އަށެވެ. ނަމަވެސް ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ވިނީޝަސް ފޮނުވާލި ހަމަލާ ދިފާއުކުރީ ސްވިޒަލޭންޑްގެ ކީޕަރު ޔާން ސޮމާ ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ސްވިޒަލޭންޑުން ވެސް ބްރެޒިލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއިރު މި ހާފުގައި ވެސް ބްރެޒިލް އަށް ސްވިޒަލޭންޑްގެ ޑިފެންސް ފޫއަޅުވާލުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވެ އެވެ. ނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ކަސެމެއިރޯ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ބްރެޒިލް އަށް ލީޑު ނަގާދީފަ އެވެ. ކަސެމެއިރޯ މި ގޯލް ކާމިޔާބުކުރީ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އެއް ފަހަރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ބްރެޒިލް އަށް ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ރޮޑްރިގޯ ފޮނުވާލި ހަމަލާ ސްވިޒަލޭންޑްގެ ކީޕަރު ދިފާއުކުރިއިރު އޭނާ ފޮނުވާލި ދެވަނަ ހަމަލާގެ ހުރަހަކަށްވީ ސްވިޒަލޭންޑްގެ ޑިފެންޑަރު އަކަންޖީ އެވެ.

މިރޭގެ މެޗުން ބަލިވި ނަމަވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ސްވިޒަލޭންޑަށް އޮތްއިރު ގްރޫޕްގެ ފަހު މެޗުގައި އެޓީމު ނިކުންނާނީ ސާބިޔާއާ ދެކޮޅަށެވެ. އަދި ބްރެޒިލް ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ ކެމަރޫންއާ އެވެ.