Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރާއްޖޭން އިންޓަޕޯލްގައި 53 މިލިއަން ސާޗެސް

އިންޓަރ ޕޯލް ކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ / ފޮޓޯ: ފުލުހުން

އިންޓަޕޯލް ޑޭޓާބޭސްތައް ބޭނުންކޮށްގެން މިއަހަރު އެކަނި ވެސް 53 މިލިއަން ފަހަރު މައުލޫމާތު ބެލިފައިވާ ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މި ވަގުތު ފްރާންސްގެ ލިއޯންގައި ކުރިއަށްދާ އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯތަކުގެ ކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދަނީ ރާއްޖެ ތަމްސީލު ކުރައްވަމުންނެވެ. ބައިނަލްއަޤްވަމީ ފުލުހުންގެ އިދާރާތައް ގުޅުވައިދޭ އިންޓަޕޯލްގެ މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާޅުވީ، ރާއްޖެ އަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށެވެ. އެހެން ކަމުން ބޯޑަރު ބެލެހެއްޓުމުގައި އިންޓަޕޯލްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބި ގިނަ ކުރިއެރުންތަކެއް މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން 2019 ވަނަ އަހަރު ރާއްޖޭގެ ބޯޑަ މެނޭޖްމެންޓް ސިސްޓަމް އިންޓަޕޯލްގެ ޑޭޓާބޭސްތަކާ ގުޅުވާލެވުނު ކަމަށް ވިދަޅުވި އެވެ. މީގެ އިތުރުން މިދިޔަ އަހަރު ދިވެހި ފުލުހުންގެ އިންފޮމޭޝަން ސިސްޓަމް އިންޓަޕޯލް ފައިންޑާއި ގުޅުވާލެވުނު ކަމަށާއި މީގެ ސަބަބުން ރަށްރަށުގައި ތިބި ފުލުހުންނަށް ވެސް އިންޓަޕޯލް ޑޭޓާބޭސް އަތްފޯރާ ފަށަށް ގެނެވުނު ކަމަށް ވިދާޅު ވިއެވެ. މިއާއެކު އޭޕީއާރް-ޕީއެންއާރް ޑޭޓާ އިންޓަޕޯލް ފައިންޑާއި ގުޅުވައި ރާއްޖޭގެ ތަންފީޒީ ހުރިހާ އިދާރާއަކަށް ނިޒާމު ފޯރުކޮށް ދެވުނު ކަމަށް ވިދާޅުވި އެވެ.

"މި އިންޓަގްރޭޝަންތަކާއި އެކްސްޓެންޝަތަކާ އެކު މި އަހަރު އެކަނި ވެސް 53 މިލިއަން ސާޗެސް ކުރެވުނު. އަދި މީގެ ތެރެއިން 1100 ވަރަކަށް ޕޮޒިޓިވް ހިޓްސް ލިބުނު،" ސީޕީ ވިދާޅުވި އެވެ. "މިއާއެކު އިންޓަޕޯލް މެންބަރު ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ސާޗެސް ކުރާ ޤައުމުތަކުގެ ތެރޭ 32 ވަނައިގައި ރާއްޖެ ވަނީ ހިމެނިފައި."

އިންޓަޕޯލުން ކުރިއަށް ގެންދާ މި ކޮންފަރެންސަކީ 3 ދުވަހުގެ މުއްދަތަަށް ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި 142 ޤައުމަކުން 300 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް އިންޓަޕޯލުން ބުނެ އެވެ.