Last Updated: April 26, 06:01
Friday, April 26, 2024
ކުޅިވަރު

ބްްރޫނޯގެ ދެ ގޯލުން ޕޯޗުގަލް ދެވަނަ ބުރަށް

ބްްރޫނޯ ފެނާންޑޭސްގެ ދެ ގޯލުން އުރުގުއޭ 2-0 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ޕޯޗުގަލް ދަތުރުކޮށްފި އެވެ.

މި މޮޅާއެކު ޕޯޗުގަލް އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އުރުގުއޭ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕް އެޗްގައި ދެން ހިމެނޭ ގާނާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ދެކުނު ކޮރެޔާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ދެވަނަ ބުރަށް ދިޔުމަށް ގްރޫޕްގެ ފަހު މެޗުން މޮޅުވުން އުރުގުއޭ އަށް މިހާރު މަޖުބޫރެވެ. ގްރޫޕްގެ ފަހު މެޗުގައި އުރުގުއޭ ބައްދަލުކުރާނީ ގާނާއާ އެވެ.

ޕޯޗުގަލް އަކީ މިފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ތިންވަނަ ޓީމެވެ. އަނެއް ދެ ޓީމަކީ ފްރާންސް އާއި ބްރެޒިލް އެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރިގޯ ބެންޓަންކޫރް އަށެވެ. އެގޮތުން ޕޯޗުގަލްގެ ދެ ކުޅުންތެރިންގެ ދެމެދުން ދެމިލައި ޕޯޗުގަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ޕޯޗުގަލް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު މެޗުގެ 54 ވަނަ މިނެޓްގައި ބްރޫނޯ ވަނީ ޕޯޗުގަލް އަށް ލީޑު ނަގާދީފަ އެވެ. ބްރޫނޯ މި ގޯލް ކާމިޔާބުކުރީ އުރުގުއޭގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ. އެގޮތުން އެ ބޯޅަ ގޯލަށް ވަދެފައިވަނީ ޕޯޗުގަލްގެ އެއްވެސް ކުޅުންތެރިއެއްގެ ގައިގައި ނުޖެހި އެވެ.

ޕޯޗުގަލް އިން ލީޑު ނެގުމާއެކު އުރުގުއޭ އިން ކުރިއަށް ޖެހިލައިގެން ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕޯޗުގަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ގޮމޭޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ލުއިސް ސުއަރޭޒަށް ހުހަށް ލިބުނު ފުރުސަތުގެ ބޭނުން ވެސް ހިފޭގޮތް ވަނީ ނުވެފަ އެވެ.

ޕޯޗުގަލް އިން މެޗުގެ ދެވަނަ ގޯލް ކާމިޔާބުކުރީ 90 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ޕޯޗުގަލް އަށް ލިބުނީ އުރުގުއޭގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ކަމަށްވާއިރު މި ޕެނަލްޓީ ކާމިޔާބުކޮށްދީ ޕޯޗުގަލް އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ބްރޫނޯ އެވެ. މި ގޯލަށްފަހު ބްރޫނޯ އަށް ހެޓްރިކެއް ހަދަން ވެސް ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ.

މި ގްރޫޕްގެ ފަހު މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ. އެގޮތުން ފަހު މެޗުގައި ޕޯޗުގަލް ނިކުންނާނީ ކޮރެޔާއާ ދެކޮޅަށެވެ. މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދަން ކޮރެޔާ އަށް އެ މެޗުން މޮޅުވުން މަޖުބޫރެވެ.