Last Updated: March 29, 06:30
Friday, March 29, 2024
ކުޅިވަރު

އިރާނުގެ ދިދަ އަށް ބަދަލު ގެނައި ކަމެއް ނޭނގޭ

އިރާނުގެ ދިދަ އަށް ބަދަލެއް ގެނައިކަން އެނގިފައި ނުވާ ކަމަށް އެމެރިކާގެ ކޯޗު ގްރެގް ބެހެލްޓާ ބުނެފި އެވެ.

އެމެރިކާ ފުޓްބޯޅަ ޓީމުގެ ރަސްމީ ޓްވިޓާ އެކައުންޓުން އާންމުކުރި ޕޯސްޓެއްގައި އިރާނުގެ ދިދަ އަށް ބަދަލުތަކެއް ގެނެސްފައިވާތީ އެކަމާ އިރާނުން ވަނީ ހިތްހަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން އެ ޕޯސްޓުގައި އިރާންގެ ދިދައިގެ މެދުގައި އިންނަ ނިޝާނާއި އަރަބި ބަހުން ލިޔެފައިވާ އަކުރުތައް ވަނީ ދިދައިން ފޮހެލާފަ އެވެ.

އެމެރިކާ އިން ބުނީ އިރާންގެ ރަސްމީ ދިދަ ބޭނުން ކުރަން ބޭނުން ނުވީ އިރާންގައި މިހާރު މުޒާހަރާ ކުރަމުންދާ އަންހެނުންނަށް ތާއީދު ކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ފަހުން އެ ޕޯސްޓް ވަނީ ޑިލީޓްކޮށްލާފަ އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިރާނާއި އެމެރިކާ ލައްވާލާފައިވަނީ އެއް ގްރޫޕެއްގައި ކަމަށްވާއިރު ގްރޫޕްގެ ފަހު މެޗުގައި މިރޭ މި ދެ ޓީމު ބައްދަލުކުރާނެ އެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ދެވަނަ ބުރަށް ދެވޭނެ އެވެ.

މިރޭގެ މެޗުގެ ކުރިން އެމެރިކާގެ ކޯޗު ބުނީ އެމެރިކާ ފުޓްބޯޅަ ޓީމުން ކުރި ޕޯސްޓާއި ގުޅޭ އެއްވެސް ކަމެއް ޓީމުގެ ކުޅުންތެރިއަކަށް އަދި ސްޓާފަކަށް ވެސް ނޭނގޭ ކަމަށާއި ބައެއް ކަންކަމަކީ އެމީހުންގެ ކޮންޓްރޯލްގައި ހުންނަ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެހެން ހުރިހާ ކަމަކަށް ވުރެ ވޮޑަށް ޓީމުގެ ހުރިހާ ފޯކަސްއެއް ހުރީ މިރޭ ކުޅޭ ފުޓްބޯޅަ މެޗަށް ކަމަށްވެސް ކޯޗު ބުންޏެވެ.

"އަހަރަމެންނަށް ކުރެވޭނެހާ ވެސް ކަމަކީ އެންމެންގެ ނަމުގައި މައާފަށް އެދުން. އެކަމަކު އެ ޕޯސްޓް ކުރުމުގައި އަހަރަމެންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ." ބެހެލްޓާ ބުންޏެވެ.

އިރާނުގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް އަޑީގައި އޮވެގެން ކުރާ ކަމެއް ކަމަށް އިރާނުން ތުހުމަތު ކުރެ އެވެ. އެ މުޒާހަރަތަކާ ގުޅިގެން އެމެރިކާ އިން މިހާތަނަށް ވަނީ އިރާނުގެ ބައެއް އޮފިޝަލުންނަށް ދަތި ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފަ އެވެ.

އިރާނާއި އެމެރިކާ އިން ވަނީ 1980 ވަނަ އަހަރުން ފެށިގެން ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފަ އެވެ.