Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

އިންގްލެންޑަކީ ބަލިކުރެވޭ ވަރުގެ ޓީމެއް: ވޭލްސް

އިންގްލެންޑަކީ ބަލި ކުރެވޭ ވަރުގެ ޓީމެއް ކަމަށް ވޭލްސް ކޯޗު ރޮބް ޕޭޖް ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ވޭލްސް އާއި އިންގްލެންޑް ބައްދަލުކުރާއިރު މުބާރާތުގެ ދެވަނަ ބުރަށް ވޭލްސް އަށް ދަތުރުކުރެވޭނީ ތިން ލަނޑުގެ ތަފާތަކުން އިންގްލެންޑް ބަލިކޮށްގެންނެވެ. ދެވަނަ ބުރަށް ދިޔުމަށް މިރޭގެ މެޗުން އިންގްލެންޑަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ވޭލްސްގެ ކޯޗު ބުނީ މިފަހަރުގެ ވޯލްޑް ކަޕްގައި ކޮންމެ ޓީމަކީ ވެސް ބަލިކުރެވިދާނެ ޓީމެއްކަން ސާބިތުވެފައިވާ ކަމަށާއި އެގޮތުން އިންގްލެންޑަކީ ވެސް ބަލި ކުރެވޭ ވަރުގެ ޓީމެއް ކަމަށެވެ. އަދި މިރޭގެ މެޗުގެ ފެވަރިޓުންނަކީ އިންގްލެންޑް ކަމަށާއި ނަމަވެސް ވޭލްސްގެ ފޯކަސް ހުރީ އެމީހުންގެ އަމިއްލަ ގޭމް ކުޅުމަށް ކަމަށްވެސް ޕޭޖް ބުންޏެވެ.

ވޭލްސްގެ ކޯޗު ބުނީ ވޭލްސްގެ ކުޅުންތެރިން ތިބީ ވޯލްޑް ކަޕަށް އައީ ދަށް ފެންވަރުގެ ކުޅުމެއް ކުޅެން ނޫންކަން ދައްކަން ބޭނުންވެފައި ކަމަށެވެ. އަދި އުއްމީދަކީ ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް މިރޭގެ މެޗުގައި ދެއްކުން ކަމަށްވެސް ކޯޗު ބުންޏެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އެމެރިކާއާ ކުޅެ ވޭލްސް 1-1 އިން އެއްވަރުވިއިރު ދެވަނަ މެޗުގައި އެޓީމު ވަނީ އިރާން އަތުން 2-0 އިން ބަލިވެފަ އެވެ. މި ދެ މެޗުގައި ވެސް ވޭލްސްގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ.

ވޭލްސް އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.