ލަސްނުކޮށް އަޅާނެ ފިޔަވަޅެއް އެޅުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަށް ގޮވާލައިފި އެވެ.
ބޮންޑެ މިހެން ވިދާޅުވީ ފިހާރަތަކުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.
އިއްޔެ މަޖިލީހުގައި ނެގުނު ވޯޓުތަކަށް އެމްޑީޕީން ތްރީލައިން ވިޕް ނެރުނު ނަމަވެސް އެ ޕާޓީގެ ހަތް މެމްބަރަކު ވަނީ އެ ވިޕްލައިނާ ހިލާފުވެފަ އެވެ. އޭގެތެރޭގައި ބޮންޑެ ވެސް ހިމެނޭއިރު ވިޕްލައިނާ ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ބޮންޑެ ވިދާޅުވީ ކޮވިޑް ހާލަތުގެ ދަރަނި ވެރިވެ ފަގީރުވި ނިކަމެއްޗަކަށް ހިލޭ ދިއްކޮށްލާ ޕްލާސްޓިކް ކޮތަޅަކަށް 5،000ރ. އާއި 50،000ރ އަނިޔާވެރި ބޮޑެތި ޖޫރިމަނާ ކުރަން ވޯޓެެއް ނުދެވޭނެ ކަމަށެވެ.
"ލަސްނުކޮށް އަޅާނެ ފިޔަވަޅެއް އަޅާށެވެ." ބޮންޑެ ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ބައެއް މެމްބަރުން ހިލާފުވުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕް ގަވައިދުގައިވާ ގޮތުން ވިޕްލައިނާ ހިލާފުވާ ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ފިޔަަވަޅު އަޅަންޖެހިއްޖެނަމަ ނަސޭހަތްދިނުމާއެކު މާފަށް އެދެން އެންގިދާނެ އެވެ. އަދި ތިންވަނަ ފަހަރަށް ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ދޭ އިނާޔަތްތަކާއި ޕާޓީއަށް ލިބޭ ދަތުރުތަކުގައި ނުދެވޭ ގޮތް ހެދިދާނެ އެވެ.
ހަތަރުވަނަ ފަހަރު ފިޔަވަޅު އަޅާއިރު ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެ މަގާމުން ވަކިކޮށް ޕާޓީގެ އިންތިހާބުތަކުގައި ވާދަކުރުން އެއް އަހަރަށް ސަސްޕެންޑް ކުރެވިދާނެ އެވެ. އަދި ފަސް ވަނަ ފަހަރު ވިޕްލައިނާ ހިލާފުވެއްޖެނަމަ ޕާޓީން ވަކިކުރެވިދާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.