Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު

ވެރިކަން ދަމަހައްޓަން މޭ އައްޑަނައަކަށް ދިއްކުރާނަން

މި ވެރިކަން ދަމަހައްޓަން މޭ އައްޑަނައަކަށް ދިއްކުރާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދިފައިވާއިރު ދެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހާއި ސޯޝަލް މީޑިއާގައި ވެސް ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

ނިހާދު ވިދާޅުވީ މިހާތަނަށް ކުރިއަށް ވަޑައިގަތީ އަނިޔާއަށް ފަސް ޖެހުމެއް ނެތި ކަމަށާއި "ޗިސް ޗިސް ކޮށްލިއަސް، ފިސް ފިސް ކޮށްލިއަސް "ބާޣީ" އަކަށް ވެވެން ނެތް ކަމަށެވެ.

"މާތް ﷲ އިރާދަފުޅާއެކު ރައްޔިތުންގެ ހައްގުގައި ފަހަތަށް ނުޖެހި ކުރިއަށް ދާނަން. ހެޔޮވެރިކަން ދަމަހައްޓަން މޭ އައްޑަނައަކަށް ދިއްކުރާނަން." ނިހާދު ވިދާޅުވި އެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު މީގެކުރިން ފާޅުކުރައްވާފައިވާއިރު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވަނީ އިއުލާންކުރައްވާފަ އެވެ.

ނަމަވެސް ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އެމްޑީޕީން އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.