Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

ކްރިތީ ސިންގަލްއެއް ނޫން: ވަރޫން

ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަން އާއި "ބާހްބަލީ" ގެ ބަތަލު ޕްރަބާސް ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވޭތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ގުޅުމުގެ ފެށުމަކީ ދެ ތަރިން އެކީގައި އަންނަ އަހަރު ފެންނާނެ ފިލްމު "އާދިޕުރުޝް" އެވެ.

ކްރިތީ އާއި ޕްރަބާސްގެ ގުޅުން މިހާތަނަށް އޮތީ "ބޮޑު ސިއްރެއް" ގެ ގޮތުގަ އެވެ. ދެ ތަރިން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މިހާތަނަށް ދައްކައިފައެއް ނުވެ އެވެ. އެކަމަކު އާދީއްތަ ދުވަހުގެ ރޭ ވަރޫން ދަވަން ދެއްކި ވާހަކައަކާ އެކީ ކްރިތީ މިހާރު ހުރީ ސިންގަލްކޮށް ނޫންކަން ވަނީ ކަށަވަރުވެފަ އެވެ.

މި މަހުގެ 25 ގައި ރިލީޒްކުރި ދެ ތަރިންގެ ފިލްމު "ބޭޅިޔާ" ގެ ޕްރޮމޯޝަނަށް އާދީއްތަ ދުވަހުގެ ކަލާޒްގެ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ 10" ގެ ފިނާލޭ އެޕިސޯޑްގައި ބައިވެރިވެ، އޭގެ ޖަޖުންގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ކަރަން ޖޯހަރް، ޖެއްސި މަސައްކަތެއްގެ ތެރޭގައި ވަރޫން ވަނީ ކްރިތީ ވެސް ސިއްސުވާލައިފަ އެވެ.

އެ އެޕިސޯޑްގައި ވަރުން ގާތު ކަރަން ބުނީ ބޮލީވުޑްގެ ސިންގަލް ބަތަލާއިންތަކެއްގެ ލިސްޓެއް ކިޔާށެވެ. އެކަމަކު އެ ލިސްޓް ކިޔާލި އިރު ކްރިތީގެ ނަމެއް ނެތެވެ. އެހެންވެ ސުވާލަކަށްވީ ކްރިތީ ކޮބައި ހެއްޔޭ އެވެ؟ ޖަވާބުގައި ވަރުން ބުނީ ކްރިތީ ހުރީ ހުސްކޮށް ނޫން ކަމަށާއި އޭނަގެ ނަން އޮތީ މީހެއްގެ ހިތުގައި ލިޔެ ނިމިފައި ކަމަށެވެ. އަދި އެ މީހަކު މި ވަގުތު މުމްބާއީގައި ނެތް ކަމަށާއި އެ މީހަކު ބަތަލާ ދީޕިކާ ޕަދްކޯންއާ އެކީ ފިލްމެއް ވެސް ކުޅެމުން ކަމަށް ވަރޫން ބުންޏެވެ.

އޭނަގެ ވާހަކަތަކާ އެކީ އެ ދެއްކީ ސީދާ ކާކުގެ ވާހަކަކަން އޮޅުމެއް ނެތް މިންވަރަށް ސާފެވެ. ޕްރަބާސް އާއި ދީޕިކާ ފިލްމެއްގެ މަސައްކަތްކުރާތާ ދުވަސްތަކެއްވެއްޖެ އެވެ. ކާސްޓްގައި އަމީތާބް ބައްޗަން ވެސް ހިމެނޭ ފިލްމަށް ވަގުތީ ގޮތުން ދީފައި އޮތް ނަމަކީ "ޕްރޮޖެކްޓް ކޭ" އެވެ.

ކްރިތީ، 32، އާއި ޕްރަބާސް، 43، ގެ ގުޅުމުގެ ވާހަކަ ދެކެވޭ އިރު ގުޅުމުގެ ވާހަކަ ދެކެވޭ އިރު، ޒުވާން ބަތަލާ ކުރިން ސުޝާންތު ސިންގް ރާޖްޕޫތާ ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް ވަރަށް ގަދައަށް އެރި އެވެ. ދެހާސް ވިހީގައި ދަންޖެހިގެން މަރުވި އެކްޓަރާ އެކީ ކްރިތީ ފިލްމެއް ވެސް ކުޅުނެވެ. އެއީ 2017 ގެ "ރާބްތާ" އެވެ.

ޕްރަބާސް ކުރިން ރައްޓެހިކަމަށް އަޑުއަރާފައި ވަނީ "ބާހްބަލީ" ގެ ބަތަލާ އަނުޝްކާ ޝެޓީ އެވެ. އެ ދެ މީހުން ކައިވެނިކުރަން އުޅުނުކަމުގެ ވާހަކަތަކެއް ވެސް ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.