އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދޭން ބާއްވާ އޯޕަން ޑޭ މިއަދު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ހަރަކާތް ފަށާނީ މިއަދު ހެނދުނު ގަމުގެ އީކްއޭޓަ ވިލެޖްގެ ބްލޫ ލެގޫން ހޯލްގަ އެވެ. އޯޕަން ޑޭ ކުރިއަށް ދާނީ ހެނދުނު 9:00 އިން 12:00 އަށް މެންދުރު ފަހު 1:00 އިން 5:00 އަށް އަދި ރޭގަނޑު 7:00 އިން 10:00 އަށެވެ.
މި އޯޕަން ޑޭގައި ވަޒީފާތަކަށް އެޕްލައިކުރަން ބޭނުންވާ މީހުންނަށް ވަގުތުން އިންޓަވިއުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެހެންވެ އިވެންޓަށް ދާ އިރު ސީވީ ހިފައިގެން ދާން ގަން އެއާޕޯޓް ހިންގާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން އެދިފައިވެ އެވެ.
ގަން އެއާޕޯޓްގައި ހުރި ވަޒީފާގެ ފުރުސަތުތައް ލިބެން ހުރި ދާއިރާތަކުގެ ތެރޭގައި އައިޓީ އޮފިސާ، ކާގޯ ހޭންޑްލާ، ފަޔަ ފައިޓާ، ރޭމްޕް އޮފިސާ، ރޭމްޕް ހޭންޑްލާ، ވެހިކަލް އޮޕަރޭޓާ (އެއާސައިޑް)، ޕެސެންޖަ ސާވިސް އޮފިސާ އަދި ކަސްޓަމާ ރިލޭޝަން އޮފިސާ ހިމެނެ އެވެ.
އެހެންވެ އަލަށް ވަޒީފާތަކަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް މިއަދު ބާއްވާ އޯޕަން ޑޭ އަށް ވަރަށް މަރުހަބާކިޔާ ކަމަށް އޭއައިއޭ އިން ބުންޏެވެ.