Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ނަޝީދުގެ ބައްޕަ ގޮވައިގެން ކޯޓަށް ދާނަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަތުލުއާންމެއް ހިންގަން އުޅުއްވި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަރަދީ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ދެއްކެވި ވާހަކަތަކާ ގުޅިގެން ދައުވާކުރުމާ ގުޅިގެން އޭނާ ވެސް މައްސަލައަކާއިގެން ކޯޓަށް ވަޑައިގަންނަވާ ކަމަށް ވިދާޅުވެއްޖެ އެވެ.

ރައިސް ނަޝީދު ކަމަށް ތުހުމަތުކުރާ ހަސަން ކުރުސީގެ ނަމުގައި ހަދާފައިވާ ޓްވީޓާ އިން ކުރައްވާފައިވާ ޓްވީޓެއްގެ ރައްދުގައި މަވޯޓާ ވިދާޅުވީ އޭނަ ގޮވައިގެން ނަޝީދު ކޯޓަށް ވަޑައިގަންނަވާ ނަމަަ ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރަން އޭނަގެ އަބުރު ކަތިލަމުންދާ މައްސަލައިގައި ވެސް ކޯޓަށް ދެވިދާނެ އެވެ.


މަވޯޓާ ވިދާޅުވެފައިވާ ގޮތުގައި ގެއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން ނަޝިދުގެ ބައަޕަ ވަނީ ފައިސާތަކެއް ހޯދައިފަ އެވެ. އެހެންވެ އެ މައްސަލަ ވަރަށް އަވަހަށް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ރައްދުގައި ހަސަން ކުރުސީ ވިދާޅުވީ ފައިސާއާ ބެހޭ އެކަހަލަ މައްސަލަތައް ލަސްކޮށްގެން ނުވާނެ ކަމަށާއި އަވަހަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ނަޝީދު ގަތުލުއާންމެއް ހިންގަވަން އުޅުއްވި ކަމަށް ވިދާޅުވެ މަވޯޓާ ވަނީ 50 މީހަކު މަރާލަން ރޭއްވެވި ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އަދި އެކަން ކުރެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޮލުވައި އަޅުއްވަން ވެސް ނަޝީދު ޕްލޭންކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.

މަ ވޯޓާގެ ވާހަކަތަކާ ގުޅިގެން އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، ޝަރީފަށް ދައުވާކުރަން ނަޝީދު ހުށަހެޅުއްވީ ބަދަލަށް 10،000،000ރ. ނަގައި ދިނުމަށެވެ. މިކަމާ ބެހޭ ގޮތުން ނަޝީދުގެ ގާނޫނީ ޓީމުން އިއްޔެ ނެރުއްވި ބަޔާން ހަސަން ކުރުސީ ޓްވީޓްކުރައްވައި މަވޯޓާ ޓެގްކުރައްވައި ވިދާޅުވީ ކޯޓްގައި އެކަން ސާބޮތުކޮށް ދެއްވަން ޖެހޭނެ ކަމަށެވެ. އޭނަގެ އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަވޯޓާ ގުއިރޯނެއްގައި ޖެހި ތަރަވެއްޖެ ކަމަށެވެ.

"ދެން އޮތީ ހަމަ ބިމަށް ތިރިކޮށް ސޯޓު ބޭލުވުން. އަދިވެސް ހަމަ ޅައީ." ހަސަން ކުރުސީ ވިދާޅުވި އެވެ.