Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ޑުއާ އަށް އަލްބޭނިއާގެ ރަށްވެހިކަން ދީފި

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާ އަށް އަލްބޭނިއާގެ ރަށްވެހިކަން ދީފި އެވެ.

ލަންޑަނަށް އުފަން 27 އަހަރުގެ ފަންނާނަށް އެ ގައުމުގެ ރަށްވެހިކަން ރަސްމީކޮށް ދިންކަން އަލްބޭނިއާގެ ރައީސް ބަޖްރަމް ބެގާޖް ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވި އެވެ. އެ ޓްވީޓްގައި ޑުއާ އަށް ރަށްވެހިކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތަކެއް ވެސް ހިއްސާކުރައްވާފައިވެ އެވެ.

ޒުވާން ލަވަކިޔުންތެރިޔާ އަށް އަލްބޭނިއާގެ ރަށްވެހިކަން ދިނީ އެ ގައުމު ބައިނަލްއަގުވާމީ މައިދާނުގައި ޕްރޮމޯޓްކުރުމަށްޓަކަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އަލްބޭނިއާ އިން އިނގިރޭސިވިލާތަށް ހިޖުރަކުރި އާއިލާއަކަށް ނިސްބަތްވާ ޑުއާ އަކީ މިހާތަނަށް ވެސް އެ ގައުމަށް ފަހުރެއް ކަމަށާއި އޭނަ އަކީ އިޖުތިމާއީ އެކި ކަންކަމަށް ހޭލުންތެރިކަން އުފައްދަން މަސައްކަތްކުރަމުން އަންނަ ނުފޫޒު ގަދަ ފަންނާނެއް ކަމަށެވެ.

އަލްބޭނިއާގެ ރަށްވެހިކަން ލިބުމާ ގުޅިގެން ޑުއާ ކުރި ޓްވީޓެއްގައި އެކަން ސިފަކުރީ ލިބުނު ވަރަށް ބޮޑު ފަހުރެއްގެ ގޮތުގަ އެވެ.

ޑުއާ އާއި އޭނަގެ ބައްޕަ ޑުކަގްޖިން ލިޕާ އަންނަނީ 2016 ގައި "ސަނީ ހިލް ފައުންޑޭޝަން" ގެ ނަމުގައި ޗެރިޓީއެއް އުފައްދައި އޭގެ ދަށުން އަލްބޭނިއާހެ ފުދުންތެރިކަން ކުޑަ އާއިލާތަކަށް އެކި ގޮތްގޮތުން އެހީވަމުންނެވެ.

ޑިސްކޯ-ޕޮޕް މިއުޒިކަށް ހާއްސަ ފަންނާނެއްގެ ގޮތުގައި މަޝްހޫރު ޑުއާ މިހާތަނަށް ދެ އަލްބަމެއް ނެރެފައިވެ އެވެ. އެއީ 2020 ގެ "ފިއުޗާ ނޮސްޓަލްޖިއާ" އާއި 2017 ގެ "ޑުއާ ލިޕާ" އެވެ.