Last Updated: April 23, 20:04
Tuesday, April 23, 2024
ދުނިޔެ

އަންހެނުން ޓްރެފިކްކުރި އޮފިޝަލަކު ހައްޔަރަށް

ހަށިވިއްކުމުމުގެ ވިޔަފާރީގެ ތެރެއަށް އަންހެނުންތަކެއް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން އޮމާންގައި ހުންނަ ސްރީ ލަންކާގެ އެމްބަސީގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ މީޑިއާތަކުން މިއަދު ބުނީ ހެނދުު އޮމާނުން ލަންކާ އަށް އެނބުރި އައި ދިޔަ ތަނުން ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އޮމާންގައި ހުންނަ ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އީ ކުޝަން ކަމަށެވެ. ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން އޭނާ ހައްޔަރުކުރުމަށް ފަހު މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީކުރަމުންނެވެ.

އެހެންވެ އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

އެމްބަސީގެ އޮފިޝަލުގެ މައްޗަށް ވަނީ ލަންކާ އޭޖެންސީއެއް މެދުވެރިކޮށް އަބޫ ދާބީ މަގުން ގިނަ އަދަދެއްގެ އަންހެނުން ޓޫރިސްޓް ވިސާގައި އޮމާނަށް ޓްރެފިކްކޮށް، ހަށިވިއްކުމުގެ ވިޔަފާރގެ ތެރެއަށް އެ މީހުން ވިއްކާލިކަމުގެ ތުހުމަތުތަކެއްކޮށްފަ އެވެ. އެގޮތުން މިހާތަނަށް 90 ވަރަކަށް އަންހެނުން އުމާނަށް ޓްރެފިކްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ލަންކާ އެމްބަސީން މިދިޔަ މަހުގެ ތެރޭގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި އެމްބަސީގެ އޮފިޝަލު ހައްޔަރުކުރީ އޭނާއާ ގުޅޭ ގޮތުން ލިބެމުން ދިޔަ ގިނަ އަދަދެއްގެ ޝަކުވާތަކާ ވެސް ގުޅިގެންނެވެ.