Last Updated: April 25, 22:42
Friday, April 26, 2024
މުނިފޫހިފިލުވުން

ވިހޭ ފަހުން އާލިއާ ވަރަށް ހިއްކާލައިފި

ބަލިއިނުމާ ގުޅިގެން ފަލަވި ނަމަވެސް ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ހިއްކާލައިފި އެވެ.

އުމުރުން 28 އަހަރުގެ ބަތަލާ ވިހެއީ މި މަހުގެ 6 ގަ އެވެ. އޭގެ ފަހުން އެކްޓަރު ރަންބީރްގެ ކަޕޫރް އަންހެނުން އަންނަނީ ކުރީގެ ބައްޓަމަށް އިޔާދަވުމަށް މަސައްކަތްކުރަމުންނެވެ. އިއްޔެ ފާހަގަކުރި އާލިއާގެ ދައްތަ ޝާހީން ބަޓްގެ 34 ވަނަ އުފަން ދުވަހާ ދިމާކޮށް އިއްޔެ މަައިންބަފައިންގެ ގެއަށް އާލިއާ ޒިޔާރަތްކުރި އިރު، ޕަޕަރާޒީންގެ ކެމެރާތަކަށް އަރާފައިވެ އެވެ. އަދި އޭނަ ކެމެރާތަކަށް ޕޯސް ވެސް ކުރި އެވެ.

އޭގެ ވިޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ބައެއް މީހުން އާންމުކޮށްފައިވާ އިރު، ގިނަ އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ވިހެއިތާ މަހެއް ވެސް ނުވަނީސް އާލިއާގެ ހަށިގަނޑަށް އައިސްފައި ހުރި ބަދަލެވެ. އެގޮތުން ސެލެބްރިޓީންގެ ފަސްފަހަތުން އުޅޭ ވައިރަލް ބަޔާނީ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯ އަށް ވަރަށް ގިނަ ބަޔަކު ބަލައި، އާލިއާއާ ބެހޭ ގޮތުން ތަފާތު ކޮމެންޓްތައް ކޮށްފައިވެ އެވެ. ބައެއް މީހުން ހައިރާންވެގެން "ހާދަ އަވަހަކަށް ހިއްކާލައިފި" އޭ ބުނެފައިވެ އެވެ. އަދި މީހުން ބުނީ އާލިއާ ދަރިއަކު ވިހޭހެން ހީ ވެސް ނުވާ ކަމަށެވެ.

އާލިއާ ބަލިވެއިނުމާ ގުޅިގެން ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލަވައެއް އޮތީ ޝޫޓްނުކުރެވި އެވެ. ފިލްމުން ބާކީ ޝޫޓްކުރަން ވެސް އޮތީ އެ ލަވަ އެކަންޏެވެ. އެހެންވެ ކަރަން ބުނެފައި ވަނީ ޔޫރަޕްގެ ބައެއް ލޮކޭޝަންތަކުގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ ލަވައިގެ ޝޫޓިން ފަށާނީ ފިލްމުގެ މަސައްކަތް ފެށި އިރު، އާލިއާ ހުރި ބައްޓަމަށް ރުޖޫއަވުމުން ކަމަށެވެ.

ރަންވީރު ސިންގް ބަތަލުގެ ރޯލުން ފެންނާނެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ އެޕްރީލް 28 ގަ އެވެ. ކުރިން ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ ފެބްރުއަރީ 10 ގަ އެވެ. އަދު އެ ފަސްކުރީ ވެސް އާލިއާ ބަލިވެއިނުމާ ގުޅިގެންނެވެ.

މި ފިލްމު ވާނީ މަޔަކަށްވީ ފަހުން އާލިއާ ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.