Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ގަން އެއާޕޯޓްގެ އޯޕަން ޑޭ ކުރިއަށް

އައްޑޫ ގަން އެއާޕޯޓުން މިއަދު ފެށި އޯޕަން ޑޭ އަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ބުނެފި އެވެ.

އެއާޕޯޓުން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫތު ދީ، ވަޒީފާތަކަށް އެޕްލައިކުރަން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަަތު ވެސް ފަހިކޮށް ދިނުމުގެ ގޮތުން އޯޕަން ޑޭ ފެށީ ހެނދުނު 9:00 ގަ އެވެ. މި އިވެންޓް ކުރިއަށް ދަނީ ގަމުގެ އީކްއޭޓަ ވިލެޖްގެ ބްލޫ ލެގޫން ހޯލްގަ އެވެ.

ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ އޮފިޝަލަކު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން އޯޕަން ޑޭ އަށް މީހުން ޒިޔާރަތްކުރަމުން އަންނަ ކަމަށެވެ. މި އިވެންޓް މިރޭ 10:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

އޮފިޝަލް ވިދާޅުވީ މިއަދު މޫސުން ތަންކޮޅެއް ގޯސްކޮށް އޮތް ނަމަވެސް ހަވީރު އަތަށް އަޅާލުމުން އޯޕަން ޑޭ އަށް ޒިޔާރަތްކުރާ މީހުން ހެނދުނުގެ ދަންފަޅި އަށް ވުރެ އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އޯޕަން ޑޭގެ މަގުސަދަކީ ޒުވާނުންނަށް އެއާޕޯޓުން ފުރުސަތުތައް ހުރިކަން އަންގައިދީ، ވަޒީފާތަކަށް ނުކުތުމަށް ހިތްވަރު ދިނުމެވެ. އެގޮތުން ސްކޫލް ނިންމައި އަލަށް ވަޒީފާ ހޯދަން މިހާރު މަސައްކަތްކުރަމުން އަންނަ އައްޑޫ ޒުވާނުންނަށް މިއީ ފަހި ފުރުސަތެއް ކަމަށާއި މީގެ ބޭނުން ހިފަން އޭއައިއޭ އިން އެދިފައިވެ އެވެ.

ގަން އެއާޕޯޓްގައި ވަޒީފާގެ ފުރުސަތުތައް ލިބެން ހުރި ދާއިރާތަކުގެ ތެރޭގައި އައިޓީ އޮފިސާ، ކާގޯ ހޭންޑްލާ، ފަޔަ ފައިޓާ، ރޭމްޕް އޮފިސާ، ރޭމްޕް ހޭންޑްލާ، ވެހިކަލް އޮޕަރޭޓާ (އެއާސައިޑް)، ޕެސެންޖަ ސާވިސް އޮފިސާ އަދި ކަސްޓަމާ ރިލޭޝަން އޮފިސާ ހިމެނެ އެވެ.