Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

ބޯޑަ މައިލްސް އަށް މިލިއަން މެންބަރުން

ބޯޑަރ މައިލްސް ޕްރޮގްރާމުގައި ބައިވެރިވެފައިވާ ފަތުރުވެރިން . ފޮޓޯ: ބޯޑަރ މައިލްސް އެމްވީ

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަށް 23 މަސްދުވަހުގެ ތެރޭ މިލިއަަނަކަށް ވުރެ ގިނަ މެންބަރުން ލިބިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މޯލްޑިވްސް ބޯޑަ މައިލްސް ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފެށި ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ބައިވެރިވާ ފަތުރުވެރިންނަށް ޕޮއިންޓް ލިބޭނެ އުސޫލެއް ވަނީ ޤާއިމްކުރެވިފަ އެވެ.

މި ޕްރްގްރާމުގައި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ބައިވެރިވެފައިވާކަން ހާމަކުރައްވާ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމައްދު މުހައްމަދު ހުސެއިން (ހަނަފީ) ވިދާޅުވީ، މި ޕްރޮގްރާމް ފެށިގެން އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ކޯވިޑަށް ފަހު ރާއްޖޭގެ އިޤްތިޞާދު އިޔާދާ ކުރެވޭނެ ކަމަށް ގެންގުޅުއްވި އުއްމީދީ ތަޞައްވަރުގެ ސަބަބުން ކަމަށެވެ. އަދި މިހާތަނަށް މި ޕްރޮގްރާމުގައި މިލިއަނަކަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކާއި ވާހަކަ ދައްކަވަމުން ހަނަފީ ވިދާޅުވީ، ޕްރޮގްރާމުގެ އަމާޒަކީ މިއަންނަ އަހަރުވެސް އިތުރު އެއް މިލިއަން ފަތުރުވެރިން ބައިވެރި ކުރުން ކަމަށެވެ. އަދި މިއަހަރު އަމާޒު ކުރި އެއް މިލިއަން ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ބަހާލާފައިވަނީ 3 ކެޓަގަރީއަކަށެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ.

މި ޕްރޮގުރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަންޖެހެއެވެ. އަދި މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގައެވެ. މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ތަޢާރަފްކުރި މި ޕްރޮގްރާމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ. މީގެ އިިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޙިދުމަތް ދޭ ގިނަ ތަންތަން ޕްރޮގާމުގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެއެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މެންބަރުން ހަމަވެފައިވާ އިރު، ރާއްޖެ މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވެސް ވަނީ 1.4 މިލިއަނަށް އަރައިފަ އެވެ.