Last Updated: April 27, 09:26
Saturday, April 27, 2024
ކުޅިވަރު

ރޮނާލްޑޯގެ ބޮލުގައި ބޯޅަ ނުޖެހޭ: އެޑިޑާސް

ފީފާ ވޯލްޑް ކަޕްގައި ރޭ އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލް އިން ފުރަތަމަ ގޯލް ޖެހިއިރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮލުގައި ބޯޅަ ނުޖެހޭ ކަމަށް ވޯލްޑް ކަޕްގެ ބޯޅަ އުފެއްދި ކުންފުނި، އެޑިޑާސް އިން ބުނެފި އެވެ.

އުރުގުއޭގެ މައްޗަށް 2-0 އިން ޕޯޗުގަލް އިން ރޭ ކުރި ހޯދިއިރު އެ މެޗުގައި ފެނިގެންދިޔަ ދެ ގޯލްވެސް ޕޯޗުގަލް އަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފަނާންޑޭސް އެވެ.

ބްރޫނޯ ފުރަތަމަ ގޯލަީ އުރުގުއޭގެ ގޯލު ކުރިމައްޗަށް ނެގި ހުރަހަކުން ކާމިޔާބުކުރި ގޯލެކެވެ. އެ ހުރަސް ނެގިއިރު ރޮނާލްޑޯ އެ ބޯޅައިގައި ބޮލުން ޖަހަން މަސައްކަތް ކުރިއިރު ބޯޅަ ގޯލަށް ވަނުމުން ރޮނާލްޑޯ ފުރަތަމަ ނިންމީ ވެސް އެއީ އޭނާ ކާމިޔާބު ކުރި ގޯލެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން ފީފާ އިން ވަނީ އެއީ ބްރޫނޯ ޖެހި ގޯލެއް ކަމަށް ކަނޑައަޅާފަ އެވެ.

ނަމަވެސް އެއީ ރޮނާލްޑޯ ޖެހި ގޯލެއް ކަމަށް އަދިވެސް ބައެއް ފަރާތްތަކުން ބުނަމުންދާއިރު ވޯލްޑް ކަޕްގެ ބޯޅަ އުފެއްދި އެޑިޑާސް ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވޯލްޑް ކަޕްގެ މެޗު ކުޅޭ ބޯޅައިގައި އިންނަ ސެންސާ ޗިފް-ޑިވައިސް މެދުވެރިކޮށް ބެލިއިރު ރޮނާލްޑޯގެ ބޮލުގައި ބޯޅަ އެއްވެސް ވަރަކަށް ނުޖެހޭކަން ހާމަވެފައިވާ ކަމަށެވެ.

ވީއޭއާރް ނިންމުންތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ވޯލްޑް ކަޕްގެ މެޗު ކުޅޭ ބޯޅައިގައި ސެންސާ ޗިފް-ޑިވައިސް އެއް ހަރުކޮށްފައިވާއިރު ކުޅުންތެރިއާ ބޯޅައިގައި ޖަހާ ސީދާ ވަގުތު އޭގެއިން ދެނެގަނެވޭނެ އެވެ. މިއީ ވޯލްޑް ކަޕްގެ ބޯޅައެއްގައި މިފަދަ ފީޗާއެއް ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި ދެ ގޯލް ކާމިޔާބުކުރި ބްރޫނޯ ބުނީ މުހިއްމީ ގޯލްޖެހި ކުޅުންތެރިއާ ނޫން ކަމަށާއި އެންމެ މުހިއްމީ އުނދަގޫ ޓީމަކާ ދެކޮޅަށް ކުޅެ މޮޅުވުން ކަމަށެވެ.

ރޭގެ މޮޅާއެކު ޕޯޗުގަލް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް ބައްދަލުކުރާނީ ދެކުނު ކޮރެޔާއާ އެވެ.