Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ރާއްޖޭގެ ކޮވިޑް މަަސައްކަތަށް ސިންގަޕޫރުން ތައުރީފު

ކޮވިޑް-19 ގެ ބަލިމަޑުކަމުން ރާއްޖެ އަރައިގަތުމަށް އެޅި ފިޔަވަޅުތަކާއި އެކަމުން ހޯދި ކުރިއެރުންތަކަށް ސިންގަޕޫރުން ތައުރީފުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ސިންގަޕޫރުން ރާއްޖެ އަށް އަލަށް ކަނޑައެޅި ސަފީރު ސޫ ކޮކް ލެންގްގެ ސަފީރުކަމުގެ ފަތްކޮޅު އަރުވަން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކޮވިޑާ ދެކޮޅަށް ރާއްޖެ ކުރި މަސައްކަތް ސިންގަޕޫރްގެ ސަފީރު ވަރަށް ބޮޑަށް ފާހަގަކުރެއްވި ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮވިޑް މެނޭޖްކުރުމުގައި އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކަށް ތަޢުރީފްކުރައްވައި ރައީސުލްޖުމްހުރިއްޔާއަށް މަރުޙަބާ ސަފީރު މަރުހަބާ ދެންނެވި އެވެ.

އެ ބައްދަލުވުމުގައި ރައީސާއި ސިންގަޕޫރުގެ ސަފީރު ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު އެކިއެކި ދާއިރާތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ. އެގޮތުން، ދެ ބޭފުޅުން ވަނީ ސަރަޙައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ބިނާވެފައި އޮތީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ދޭދޭ ގުޅުމާއި، ގަބޫލުކުރާ އުސޫލުތަކުގެ މައްޗަށް ކަމަށާއި ސިންގަޕޫރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ.

ރާއްޖެ އާއި ސިންގަޕޫރުން ސިޔާސީ ގުޅުން ޤާއިމުކުރީ ފެބްރުއަރީ 20، 1975 ގަ އެވެ.