Last Updated: April 26, 06:25
Friday, April 26, 2024
ކުޅިވަރު

މެޗު ޕްރިވިއު: ނެދަލޭންޑްސް-ގަތަރު

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް މިރޭ ފަށާއިރު މިރޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނެދަލޭންޑްސް އާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރެވެ.

ގްރޫޕް އޭ ގައި ހިމެނޭ ނެދަލޭންޑްސް އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސެނެގާލްގެ އަތުން 2-0 އިން މޮޅުވިއިރު އެޓީމު ވަނީ ދެވަނަ މެޗުގައި އިކުއެޑޯ އަތުން 1-1 އިން އެއްވަރުވެފަ އެވެ. މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ ގަތަރު ވަނީ މުބާރާތުން މިހާރު ކަޓާފަ އެވެ. ގަތަރު ކުޅުނު ފުރަތަމަ މެޗުގައި އިކުއެޑޯ އަތުން 2-0 އިން ބަލިވިއިރު ދެވަނަ މެޗުގައި ސެނެގާލް އަތުން ބަލިވީ 3-1 އިންނެވެ.

މިރޭގެ މެޗުން މޮޅުވެގެން ނުވަތަ އެއްވަރުކޮށްލައިގެން ވެސް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ނެދަލޭންޑްސް އަށް އެބައޮތެވެ. ނެދަލޭންޑްސް މިހާތަނަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައި ނުވާއިރު އެންމެފަހުން ވާދަކުރި ވޯލްޑް ކަޕްގައި ނެދަލޭންޑްސް އިން ވަނީ ތިންވަނަ ހޯދާފަ އެވެ. މުބާރާތުގައި އެންމެފަހުން އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި ނެދަލޭންޑްސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު އެ މެޗުގައި ނެދަލޭންޑްސް އިން ގޯލް ކާމިޔާބުކުރީ މުޅި މެޗުގައި ވެސް އެޓީމުން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާއިންނެވެ. މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ނެދަލޭންޑްސް ޓީމުން އެންމެ ބޮޑަށް ވިދާލީ އެޓީމުގެ ޒުވާން ފޯވާޑް ކޯޑީ ގަކްޕޯ އެވެ.

ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރި ގަތަރަށް ފުރަތަމަ ދެ މެޗަށްފަހު މުބާރާތް ނިމުނުއިރު ގަތަރަކީ މިހާތަނަށް ވޯލްޑް ކަޕް ބޭއްވި ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނު ޓީމެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު ދެވަނަ މެޗުގައި ކޮންމެވެސް ވަރަކަށް ގަތަރުން ކުޅުން ރަނގަޅުކުރި އެވެ. އެގޮތުން ސެނެގާލް ކޮޅަށް ގަތަރުން ޖެހި ގޯލަކީ އެޓީމަށް ތާރީހީ ގޯލެކެވެ. ގަތަރުގެ އަމާޒަކީ ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ޔޫރަޕްގެ ވަރުގަދަ ޓީމަކާ ދެކޮޅަށް ދެއްކުމަށް ފަހު މުބާރާތުން ނިންމާލުމެވެ.

ނެދަލޭންޑްސް

ނެދަލޭންޑްސް އިން ވަނީ ވޯލްޑް ކަޕްގައި އޭޝިއާގެ ޓީމުތަކާ ދެކޮޅަށް މީގެކުރިން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އެގޮތުން އެ ހަތަރު މެޗުގައި 11 ގޯލް ނެދަލޭންޑްސް އިން ކާމިޔާބު ކުރިއިރު އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ.

މިއީ ވޯލްޑް ކަޕް ބާއްވާ ގައުމަކާ ދެކޮޅަށް ނެދަލޭންޑްސް އިން ކުޅޭ ހަތަރުވަނަ މެޗެވެ. އޭގެތެރެއިން ދެ މެޗުން ނެދަލޭންޑްސް ބަލިވެފައިވާއިރު އަނެއް މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. ނެދަލޭންޑްސް މޮޅުވީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި ބްރެޒިލް އަތުންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު ނެދަލޭންޑްސްގެ ފޯވާޑް މެމްފިސް ޑެޕާއި އަދިވެސް މުޅިން ފިޓެއް ނުވެ އެވެ. އަދި އަވަސް އަރުވާލައިގެން އޭނާ ކުޅެން އެރުވުމުގެ ވިސްނުމެއް ނެތް ކަމަށް ނެދަލޭންޑްސް ޓީމުގެ ކޯޗު ލުއިސް ވެންހާލް ވަނީ ބުނެފަ އެވެ.

ގަތަރު

ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުން ގަތަރު ބަލިވެފައިވާއިރު ވޯލްޑް ކަޕް މިހާތަނަށް ބޭއްވި އެއްވެސް ގައުމެއް މުބާރާތުގައި ތިން މެޗުން ބަލިވެފައެއް ނުވެ އެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ހަ މުބާރާތުގެ ތެރެއިން ފަސް މުބާރާތެއްގައި ވޯލްޑް ކަޕް ބޭއްވި ގައުމު ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވެފަ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ގަތަރު ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގަތަރާއި ނެދަލޭންޑްސް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ގަތަރާއި ނެދަލޭންޑްސް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 8 ޖަހާއިރު އެވެ.