Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ކަރަން އަށް ބޮޑު ފިލްމަކުން ރޯލެއް

އަންހެނުން އަދި ކުރީގެ ބަތަލާ ބިޕާޝާ ބާސޫ އަލަތު ދަރިފުޅު ވިހޭތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ފިރިމީހާ އެކްޓަރު ކަރަން ސިންގް ގްރޯވާ އަށް ބޮޑު ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން އާސަމްގައި ޝޫޓްކުރަން ފެށި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަނިލް ކަޕޫރްގެ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގެ ރޯލެއް ކަރަން ކުޅޭނެ އެވެ. އޭނަ ވެސް މި ވަގުތު އާސަމްގައި ހުރި އިރު، ޑައިރެކްޓަރު ސިދާތު އާނަންދު އާއި ކާސްޓްގައި ހިމެނޭ އަކްޝޭ އޮބެރޯއީއާ އެކީ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

ކަރަންގެ އަންހެނުން ބިޕާޝާ އަކީ ސިދާތާ އެކީ މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެއީ ރަންބީރް ކަޕޫރް ބަތަލުގެ ރޯލު 2008 ގެ "ބަޗްނާ އޭ ހަސީނޯ" ގަ އެވެ.

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ކަރަން، 40، ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތީ ބިޕާޝާއާ އެކީ ކުޅުނު 2015 ގެ "އެލޯން" އިންނެވެ. އޭގެ ފަހުން އެ އަހަރުގެ "ހޭޓް ސްޓޯރީ 3" ވެސް ކަރަން ކުޅުނެވެ. އެކަމަކު ފަހަކުން އޭނަ އަށް ބޮލީވުޑަކުން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބެ އެވެ.

ކަރަންއާ 2016 ގައި ކައިވެނިކުރި ފަހުން ބިޕާޝާ ވެސް ވަނީ ބޮލީވުޑުް ގެއްލިފަ އެވެ. އެ ދެ މީހުންނަށް އަލަތު ދަރިފުޅު ލިބުނީ މި މަހުގެ 12 ގަ އެވެ. އެ އަންހެން ކުއްޖާގެ ނަމަކީ ދޭވީ ބާސޫ ސިންގް ގްރޯވާ އެވެ.

"ފައިޓާ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ ޖެނުއަރީ 25، 2024 ގަ އެވެ.