Last Updated: April 19, 21:01
Friday, April 19, 2024
ޚަބަރު

މާލޭގެ ގަރާޖުތަކަށް ހުޅުމާލެއިން ބިން ދެނީ

ގަރާޖެއް ހިންގަމުން ދިޔަ މ.ނިރުފެހިގެ / ފޮޓޯ: ދަ ޕްރެސް

މާލޭގައި ހުރި ގަރާޖްތައް ރައްކާތެރި ސަރަހައްދަކަށް ބަދަލު ކުރުމަށް ހުޅުމާލެއިން ބިން ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުމަށް ސަރުކާރާއި އެޗް.ޑީ.ސީއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ގަރާޖު ހިންގުމަށް ހުޅުމާލެއިން ބިން ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓުގެ ޖާގަ ދޭނެއެވެ. އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށްވަނީ ވަނީ ނިންމާފައެވެ. މިއާއެކު ހުޅުމާލޭގައި އަޅާ ގަރާޖުތައް ދެ ފަންގިފިލާއަށް އެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މާލޭގައި ހިންގާ ގަރާޖުތަކަށް ހުޅުމާލެއިން ބިން ދިނުމަށް ނިންމާފައިވަނީ ދާދި ފަހުން މ. ނިރުފެހި ގޭގައި ގަރާޖެއް ހިންގަމުން ދަނިކޮށް އެ ގެ އަނދާ ގިނަ ބަޔަކު މަރުވެފައި ވަނިކޮށެވެ. މީގެ ކުރީންވެސް މާލޭގެ އެއްވެސް ސަރަހައްދެއްގައި ނުރައްކާތެރި އެއްވެސް މާއްދާއެއް ގުދަން ނުކުރެވޭ ގޮތަށް ވަނީ މަނާކޮށްފައެވެ. އަދި އެއްވެސް އިންޑަސްޓްރިއަލް މަސައްކަތެއްވެސް ކުރުން ވަނީ މަނާކޮށްފައެވެ.

މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެތަންތަނުގައި ވެލްޑިންގ ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރާ ކަމަށާއި، ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ހިގުން މެދުވެރިވާ ކަމަށް އެޗްޑީސީން ފާހަގަ ކުރެއެވެ.

މިއާއެކު އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުމަކީ ސަރުކާރާއި ގުޅިގެން މިފަދަ ހާދިސާތައް މަދު ކުރުމަށް އިސްނަގައިގެން ކުރެވޭ މަަސައްކަތެއް ކަމަށް އެޗްޑީސީން ބުނެއެވެ.