Last Updated: March 28, 16:50
Thursday, March 28, 2024
ޚަބަރު

ނަޝީދު ދޫކޮށް މީކާއިލް ރައީސް ސޯލިހް ފަޅިއަށް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް - ފޮޓޯ: މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް ސަރުކާރަށް ފާޑު ވިދާޅުވުން ހުއްޓާލައްވައި ރާގު ބަދަލުކޮށްފައިވާ ކަމަށް ބުނެ އޭނާއަށް ފާޑުކިޔުން އަމާޒުކުރަން ފަށައިފި އެވެ.

އެމްޑީޕީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނެއް އުފެދިފައިވާއިރު ދެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހާއި ސޯޝަލް މީޑިއާގައި ވެސް ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

މީކާއިލް އަކީ މީގެކުރިން ނަޝީދުގެ ފެކްޝަންގެ ބޭފުޅުންނާއެކު ހުންނަވައިގެން ވަރަށް "ފޯރީގައި" ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރެއްވި ބޭފުޅެއް ކަމަށްވާއިރު މިފަހަކަށް އައިސް މަޖިލީހުގައި މީކާއިލްގެ އަޑު މަޑުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން ސަރުކާރުން ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލަށް ތާއީދުކޮށް ވާހަކަދައްކާފައިވާއިރު އެ ބިލު ފާސްކުރަން ވެސް މީކާއިލް ވޯޓު ދެއްވާފައިވެ އެވެ.

އޭގެ އިތުރުން 2023 ވަނަ އަހަރުގެ ބަޖެޓަށް ތާއީދުކޮށް ވެސް މީކާއިލް ވާހަކަ ދެއްކެވިއިރު މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ބަޖެޓްކޮށްފައިވާ ކަންކަން ވެސް އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.

ނަޝީދުގެ ފެކްޝަނުގައި ހުންނެވި ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާޢީލް ޒަރިޔަންދު މިއަދު ވަނީ މީކާއިލް ބަސްމަގު ބަދަލުވެ، ހަރަކާތުގެ އަމާޒު އޮޅުނީ އާއިލާ ބޭފުޅުންނަށް ވަޒީފާއެއް ލިބުމުންތޯ ސުވާލުކުރައްވާ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓާއެކު ޒަރިޔަންދު ވަނީ މީގެކުރިން ސަރުކާރަށް ފާޑު ވިދާޅުވެ މީކާއިލް މަޖިލީހުގައި ދެއްކެވި ވާހަކައިގެ ވީޑިއޯ ކްލިޕެއް ވެސް ހިމަނާފަ އެވެ.

އެ ޓްވީޓާއެކު މީކާއިލަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެއަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ ޒަރިޔަންދު ކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ ތުހުމަތެއް ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް އާއިލާގެ އެއްވެސް މީހަކަށް އޭނާ އެދިގެން ހޯދި އެއްވެސް ސިޔާސީ/އެނޫންވެސް ވަޒީފާއެއް ނޯންނާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނާއި އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް ގަބޫލުކުރާ އުސޫލު ކަމަށްވެސް ވިދާޅުވެފަ އެވެ.

މީކާއިލް މިހެން ވިދާޅުވިއިރު އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ނަޝީދުގެ ފެކްޝަނަށް ތާއީދުކުރައްވާ މަޖިލީހުގެ މެމްބަރުން އަންނަނީ ތަކުރާރުކޮށް ހިލާފުވަމުންނެވެ. އެގޮތުން ބަޖެޓަށް ވޯޓު ދޭން ނެރުނު ވިޕްލައިނާ ވެސް އެމްޑީޕީގެ ހަތް މެމްބަރަކު ވަނީ ހިލާފުވެފަ އެވެ. އެ މެމްބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.