Last Updated: May 8, 22:22
Wednesday, May 8, 2024
ކުޅިވަރު

މެޗު ޕްރިވިއު: އިކުއެޑޯ-ސެނެގާލް

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް މިރޭ ފަށާއިރު މިރޭ ކުޅޭ ގްރޫޕް އޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިކުއެޑޯ އާއި ސެނެގާލް އެވެ.

އިކުއެޑޯ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގަތަރު އަތުން 2-0 އިން މޮޅުވިއިރު އެޓީމު ވަނީ ދެވަނަ މެޗުގައި ނެދަލޭންޑްސް އަތުން 1-1 އިން އެއްވަރުވެފަ އެވެ. މުބާރާތުގައި ސެނެގާލް ކުޅުނު ފުރަތަމަ މެޗުގައި ނެދަލޭންޑްސް އަތުން 2-0 އިން ބަލިވިއިރު ދެވަނަ މެޗުގައި ގަތަރުން އަތުން ސެނެގާލް ވަނީ 3-1 އިން މޮޅެއް ހޯދާފަ އެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރަށް ދެވޭނެ އެވެ.

އިކުއެޑޯ އެންމެފަހުން ވާދަކުރި ތިން ވޯލްޑް ކަޕްގެ ތެރެއިން ދެ މުބާރާތެއްގައި އެޓީމުން މުބާރާތް ނިންމާލީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. އިކުއެޑޯ އެންމެފަހުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކުގެ ތެރެއިން މިފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަނީ އިކުއެޑޯ އިންނެވެ. މިރޭގެ މެޗަށް ނިކުންނައިރު އިކުއެޑޯ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ނެދަލޭންޑްސް މެޗުގައި އަނިޔާވި އެޓީމުގެ ފޯވާޑް އަދި ކެޕްޓަން އެނާ ވެލެންސިއާ މި މެޗަށް ފިޓްވެފައި ވުމެވެ. ވެލެންސިއާ ވަނީ މުބާރާތުގައި ކުޅުނު ދެ މެޗުގައި ތިން ގޯލް ކާމިޔާބުކޮށްފަ އެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ސެނެގާލް މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. ސެނެގާލަށް މިހާތަނަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވުނީ 2002 ވަނަ އަހަރު ކަމަށްވާއިރު އެފަހަރުގެ މުބާރާތުގައި އެޓީމުން ވަނީ ކުއާޓާފައިނަލާ ހިސާބަށް ދަތުރުކޮށްފަ އެވެ. 20 އަހަރަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ސެނެގާލް މިރޭ މޮޅެއް ހޯދުން މަޖުބޫރުވެފައިވާއިރު އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ ކަމަށްވާ ސަޑިއޯ މާނޭއާ ނުލާ ސެނެގާލުން މި މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނަމަވެސް ފުރަތަމަ މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމަކީ ދެވަނަ ބުރަށް ދިޔުމަށް ސެނެގާލް މިރޭ ކުރަންޖެހޭ މަސައްކަތް އިތުރަށް ބޮޑުވި އެއް ސަބަބެވެ.

އިކުއެޑޯ

މިއީ އިކުއެޑޯ އިން އެފްރިކާގެ ޓީމަކާ ދެކޮޅަށް ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗުން އިކުއެޑޯ ބަލިނުވެ ހިފަހައްޓާލައިފިނަމަ އެކަން ވެގެންދާނީ އެޓީމުގެ ތާރީހުގައި ވެސް ބަލިނުވެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ނިންމާލާ ފުރަތަމަ ފަހަރަށެވެ.

ވެލެންސިއާ މި މެޗަށް ފިޓްވެފައިވާއިރު އަނިޔާގެ އިތުރު އެއްވެސް މައްސަލައެއް އިކުއެޑޯ ޓީމުގައި ނެތެވެ.

ސެނެގާލް

މިއީ ވޯލްޑް ކަޕެއްގައި ސެނެގާލް އިން ދެކުނު އެމެރިކާގެ ޓީމަކާ ދެކޮޅަށް ނިކުންނަ ތިންވަނަ ފަހަރެވެ. އެންމެފަހުން ކުޅުނު ދެ މެޗުން އެޓީމަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން 2002 ވަނަ އަހަރު އުރުގުއޭއާ ބައްދަލުކޮށް 3-3 އިން އެއްވަރުވިއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ސެނެގާލް ވަނީ ކޮލަމްބިއާ އަތުން 1-0 އިން ބަލިވެފަ އެވެ.

ސެނެގާލް މިރޭ ނިކުންނަނީ 20 އަހަރަށްފަހު ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ މޮޅު ހޯދުމަށެވެ. އެންމެފަހުން އެޓީމުން ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ މޮޅުވީ ހޯދީ 2002 ވަނަ އަހަރު ކަމަށްވާއިރު އެއީ ގްރޫޕް ސްޓޭޖުގެ ފަހު މެޗާއި ދެވަނަ ބުރުގެ މެޗެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ސެނެގާލް ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ އިކުއެޑޯ އާއި ސެނެގާލް ބައްދަލުކުރާ ތިންވަނަ ފަހަރު ކަމަށްވާއިރު މީގެކުރިން ކުޅުނު ދެ މެޗުން ވެސް މޮޅުވީ ސެނެގާލް އެވެ. އެގޮތުން 2002 ވަނަ އަހަރު ކުޅުނު މެޗު 1-0 އިން ސެނެގާލުން ކާމިޔާބުކުރިއިރު 2005 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން އެޓީމު އިކުއެޑޯގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.

ސެނެގާލް އާއި އިކުއެޑޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.