Last Updated: March 28, 13:31
Thursday, March 28, 2024
ޚަބަރު

ސެންޓުފުޅިއެއް ވަގަށް ނެގި މީހަކު 12،000ރ. ޖޫރިމަނާކޮށްފި

ހުޅުމާލެ ނިރުޅޮމަގުގައި ހުންނަ ބިއުޓީ ސްޓްރީޓް ފިހާރައިން ސެންޓުފުޅިއެއް ވަގަށް ނެގި މީހަކު 12،000ރ. ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މާލެ، މއ.މަރުޖަނާގު، އަހުމަދު މަމްދޫހުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ އުފުލާފައިވަނީ މިއަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުގެ 10:35 ހާއިރު އެ ފިހާރައިން "ޓައިޓަން ވުޑް އިންޓެންސް" ބްރޭންޑްގެ ސެންޓްފުޅިއެއް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނިކޮށް އެދުވަހުގެ 10:58 ހާއިރު ހުޅުމާލެ 31 ނަމްބަރު ފްލެޓް ކައިރިން މީނާ އަށް ފުލުހުން ފެނިގެން ފިލަން އުޅުމުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި އޮތް ރަތްކުލައިގެ ފައިލެއްގެ ތެރެއިން ވަގަށް ނެގި ސެންޓްފުޅި ފެނިފައިވާތީ އެވެ.

އެ ސެންޓުފުޅި އަކީ އެ ފިހާރައިގެ ސެންޓް ބަހައްޓާފައި ހުރި ރެކުން ވަގަށް ނެގި ފުޅިއެއް ކަމަށް އޭނާ އިއުތިރާފްވި ކަމަށް ދައުވާގައި ބުނެފައިވެ އެވެ. ނަމަވެސް މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ އެ ދުވަހު ކަންހިނގާދިޔަ ގޮތް ނޭނގޭ ކަމަށާއި ދައުވާ އަށް އިންކާރު ކުރާ ކަމަށް ބުނެފަ އެވެ.

ދައުވާ ސާބިތުކުރަން ދައުލަތުން ވަނީ އޭނާ ތަހުގީގަށް ދީފައިވާ ބަޔާނާއި އިންޓަވިއުގެ އޯޑިއޯ އަދި ވީޑިއޯ ރެކޯޑިންގެ އިތުރުން ސެންޓުފުޅީގެ އަގު އަންގައިދޭ ކޯޓޭޝަން ހުށަހަޅާފަ އެވެ. އަދި މައްސަލަ ސާބިތުކުރަން ފިހާރައިގެ ވެރިމީހާގެ އިތުރުން ދެ ފުލުހަކު ވަނީ ހެކިވެރިންގެ ގޮތުގައި ހުށަހަޅާފަ އެވެ.

މައްސަލަ ބެއްލެވި ގާޒީ ވަނީ މައްސަލައިގެ ތަހުގީގުގައި ވައްކަމުގެ އަމަލުކޮށްފައިވާ ކަމަށް މަމްދޫހް އިއުތިރާފްވެފައިވާ ކަމަށާއި މި އިއުތިރާފަށް ފިހާރައިގެ ވެރިފަރާތާއި ފުލުހުންގެ ހެކިބަހުން ކަށަވަރުކަން ލިބޭތީ މި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

މި މައްސަލާގައި ދައުލަތުން އެދުނީ އަދަބެއްގެ ގޮތުން ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިދިނުމަށެވެ. ނަމަވެސް މަމްދޫހް ވަނީ މިހާރު އޭނާ އުޅެނީ ވަޒީފާއެއްގައި މަޖޫރީކަން ކުރަން ކަމަށާއި ކަނޑައެޅޭ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދިފަ އެވެ. އެގޮތުން ގާޒީ ވަނީ އޭނާގެ އަދަބު 12،600ރ. އަށް ބަދަލުކޮށް އެ ފައިސާ މިއަދުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފަ އެވެ.